ޝަރީފާއި ދެކޮޅަށް ނަޝީދު ހުށަހެޅުއްވި އަބުރުގެ ދައުވާ އަނބުރާ ގެންގޮސްފި

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ދެކޮޅަށް ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އަބުރުގެ ދައުވާ އަނބުރާ ގެންދަވައިފި އެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިކަން ނ...

18 May 2023 | 04:43

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ދެކޮޅަށް ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އަބުރުގެ ދައުވާ އަނބުރާ ގެންދަވައިފި އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިކަން ނަޝީދުގެ ފަރާތްޕުޅުން ލޯފާމެއް ކަމަށްވާ ލިޓިޖެންޓްސް އިން ހާމަ ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދައުވާގައި އެދިފައިވަނީ ބަދަލުގެ ގޮތުގައި ޝަރީފް އަތުން 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

މި މައްސަލައިގަ ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި ދައުވާ އަނބުރާ ގެންދަވަން ބޭނުންވާ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ މި މައްސަލަ މިހާރު ކުރިއަށް ގެންދަން ބޭނުން ނުވުމެވެ. އެހެންވެ ދައުވާ އަނބުރާ ގެންދިއުމާ މެދު، ދައުވާ ލިބޭ ފަރާތުގެ އިތުރާޒެއް އޮތްތޯ ބެލުމަށް ގާނޫނުގައި ދޭ 28 ދުވަހުގެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް ޝަރީފްގެ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

ދައުވާ އަނބުރާ ގެންދެވީ ޝަރީފްގެ ފަރާތުން ދިފާއު ވެސް ހުށަހެޅުއްވި ފަހުން ކަމަށް ކޯޓުން ބުނެފައިވެ އެވެ.

މަދަނީ ދައުވާއެއް ކުރުމަށް ފަހު ދައުވާ އަނބުރާ ގެންދާ ހާލަތުގައި، ދައުވާގެ ސަބަބުން ކުރަންޖެހުނު ހަރަދެއް އޮތް ނަމަ، ދައުވާ ކުރި ފަރާތުން އެކަމަށް ޒިންމާވާންޖެހޭނެ އެވެ. އެކަމަކު ޝަރީފްގެ ފަރާތުން އެ ހަރަދު ހޯދަން ވެސް ހުށައެއްނާޅުއްވަ އެވެ.

ޝަރީފާއި ދެކޮޅަށް ނަޝީދު އަބުރުގެ ދައުވާ ކުރެއްވީ ޝަރީފު ކުރެއްވި ޓުވީޓަކާއި ގުޅިގެން މައުނަވީ ބަދަލު ނަގައިދޭން ޖެހޭ ކަމަށް ބުނެ އެވެ.

ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި މަރުގެ ތުހުމަތު މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ. އެ އަނިޔާވެރި އަމަލު ހުއްޓުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރި ކަމަށް ޓްވީޓްގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް