ޖަވާބުދާރީވާން ރިފްއަތުއަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގަ ޖަވާބުދާރީވާން ނޯޓިސް ފޮނުވައިފި އެވެ. ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ރައްޔިތުންގެ މަ...

18 May 2023 | 04:18

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގަ ޖަވާބުދާރީވާން ނޯޓިސް ފޮނުވައިފި އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މި މައްސަލަ ހުށަހެެޅީ، އެމްއެންޕީ، ޕީޕީއެމް، ޕީއެންސީ، ފިކުރެއްގެ ދިރުން އަދި ޖޭޕީ ގުޅިގެންނެވެ.

ޗުއްޓީއަށް ފަހު މިއަދު ފެށި މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައިގެ ނޯޓިސް ބަންޑާރަ ނައިބަށް މިމަހުގެ 16 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ. 14 ދުވަހުގެ މުއްދަތު ހަމަވާންވާއިރަށް މި މައްސަލައިގަ ބަހުސް ކުރިޔަށްދާނެ ގޮތް މެމްބަރުންނަށް އަންގަވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މައްސަލަ މަޖިލީގަށް ވެއްދީ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ސޮއި ކުރައްވާ ކަމަށެވެ.

ރިފްއަތުއާއި ދެކޮޅަ އެ މައްސަލަ ހުށަހެޅީ ޗާގޮސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާއި އެކު އެވެ.

އެ ކޯލިޝަނުން ބުނީ މި މައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް މަޖިލީހަށް ހުށަހަޅާނެ ކަަމަށެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

މިހާރު މަޖިލީހުގައި މެމްބަރުން ތިއްބެވި ސިޔާސީ ފިކުރަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ 55 މެމްބަރުން އެބަތިއްބެވި އެވެ. ޗާގޮސް މައްސަލައިގަ އުފެއްދި ކޯލިޝަންގައި އަދި ތިއްބެވީ 28 މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް