ފިހާރަތަކުން ދޭ ކޮތަޅު ދެ ރުފިޔާއަށް ގަންނަން މަޖުބޫރުކުރާ ގާނޫނެއް ހަދަނީ!

ފިހާރަތަކުން ދޭ ޕްލާސްޓިކު ކޮތަޅު ގަންނަން މަޖުބޫރު ކުރަން ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފި އެވެ. މި ބިލު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދެވެ. ކުނި މެނޭޖ...

18 May 2022 | 17:09

ފިހާރަތަކުން ދޭ ޕްލާސްޓިކު ކޮތަޅު ގަންނަން މަޖުބޫރު ކުރަން ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފި އެވެ.

މި ބިލު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދެވެ. ކުނި މެނޭޖްކުރުމުގެ ބިލުގެ ނަމުގައި ހުށަހެޅި މި ބިލުގައި ވާގޮތުން ޕްލާސްޓިކު ކޮތަޅު ގަންނަން ޖެހޭނެ ހާލަތްތަކާއި ހިލޭ ލިބޭނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

ބިލުގައި ބުނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ. ފިހާރަތަކުން ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ލެވީގެ ވަރު ހިމަނަން ޖެހޭނެ ކަމަށް އެ ބިލުގައި ވެ އެވެ.

މި ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ނެގުން އިސްތިސްނާވާނީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅު، ބަންދު ނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އެޅުމަށް ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅު، 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮޑު އަދި ކުނި މެނޭޖް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" ތަކުންނެވެ.

ޕްލާސްޓިކް ކޮތަޅުން ލެވީ ނުނަގައި ވިޔަފާރި ހަރަކާތްތަކުން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ދޭ ނަމަ 5،000ރ. އާއި 50،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެ ބިލުގައި ބުނެފަވެ އެވެ.

ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަކަން ކަށަވަރު ކުރުމަށް ޤާނޫނަށް އަމަލު ކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް