"ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އަކީ ކުޅިވަރުގެ މައިދާނާއި އަދި ކުޑަކުދިން ޝާމިލްވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައި އެ ކުދިންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް އެޅިގެންދާ އިތުރު ބާރަކަށް ވެގެންދާނެކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާޙްކުރުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސިޔާސަތުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އަދި އެކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު އެކުދިންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.
މި ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ބައިވެރިވުން ފުރިހަމަ ގޮތުގައި ލިބޭނެކަމުގެ ޔަޤީންކަން ރައީސް އެރުވިއެވެ. އަދި މި ސިޔާސަތަކީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މި ސިޔާސަތު ތަންފީޒު ކުރުމުގައި ޢާއިލާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި އަދި މުޅި މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޭނުންވާނެކަމުގައި ވިދާޅުވިއެވެ.
"ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އަކީ ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަމަލުކުރާނެ ސިޔާސަތެވެ. މި ޕޮލިސީ ބައްޓަންކޮށްފައި ވަނީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
މި ސިޔާސަތަކީ މުޅި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ތަންފީޒުކުރާނެ ސިޔާސަތެކެވެ.
މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)ގެ ބައިވެރިވުމާއެކު އެކުލަވާލި ޕޮލިސީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް