މި އަހަރު ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފިއެވެ.
އެގޮތުން މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީންކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލިބިފައިވާ 25 ހާސް ޕެކެޓު ކަދުރު ހޯމަދުވަހުން ފެށިގެން ބަހަން ފަށާފައިވާކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވަނީ މާލެ ސިޓީއާއި، އައްޑޫ ސިޓީއއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށި ސިޓީ އަދި އަތޮޅުތަކުގެ ރަސްތަކަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަަމަށާއި އަދި މި އަހަރު މި މިނިސްޓްރީގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުސޫލުން ކަމަށެވެ.
"މިގޮތުން ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުންނެވެ. އެގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބާހާނީ 1 ޕަކެޓް ކަދުރެވެ." މިނިސްޓްރީން ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި ސައޫދީ އަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ، ކަދުރާ ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށާއި މިގޮތުން، ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަންދީގެން ކަދުރު ހަވާލުކުރެއްވުމަށް ދަންނަވާކަމަށްވެސް ބުނެފައިވެއެވެ.
"މިގޮތުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް އެފެއާޒް މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ. " މިނިސްޓްރީން ބުނެފައިވެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކަދުރާ ހަވާލުވުމަށް ކައުންސިލްތަކުންނާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 8:45 އިން 14:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެންނެވުމަށް ދަންނަވާކަމަށާއި މިގޮތުން ކަދުރު ބަހާނީ 2022 މެއި 16 ވަނަ ދުވަހުން ފެށިގެން 2022 މެއި 31 ވާ އަންގާރަދުވަހުގެ 13:00 އާއި ހަމައަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް