މިއަދުވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު ...

18 May 2022 | 03:48

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު ހަވީރު 06:00 އާއި ހަމައަށް ފޯކާސްޓްކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާއިރު ދެކުނުގެ ބައެއް ރަށްތަަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 12 މޭލާއި 22 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެވަރަަކަށް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

ރާޅުގެ އުސްމިން ހުއްނާނެކަމަށް ލަފާކޮށްފައިވަނީ މެދުރާއްޖެއާއި އުތުރުގައި ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުގައެވެ. ދެކުނުގައި ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަަކަށް އުދައިގެ އަސަރު ފޯރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް