އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައިފި އެވެ. ކަރެކްޝަނަލް ސާވިސަސްއިން ރޭ ބުނީ އެމީހާ ހޯދީ ފުލުހުންގެ އެހީތެރިކަމާއި އެކު ކަމަށެވެ. މިހާރު އެމީހާ ހުރީ ކަރެކްޝަންސްގެ ބެލުމުގ...

17 May 2022 | 19:23

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައިފި އެވެ.

ކަރެކްޝަނަލް ސާވިސަސްއިން ރޭ ބުނީ އެމީހާ ހޯދީ ފުލުހުންގެ އެހީތެރިކަމާއި އެކު ކަމަށެވެ. މިހާރު އެމީހާ ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށް ބުންޏެވެ.

އެމީހާ ޖަލުން ފިލި ދުވަހެއް އަދި އެއީ ކޮން ކަހަލަ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހެއް ކަމެއް ކަރެކްޝަންސްއިން ހާމައެއް ނުކުރެ އެވެ.

އާންމުކޮށް އައްސޭރި ޖަލުގައި ތިބޭނީ އެހެން ޖަލުތަކުގައި އުޅޭއިރު އަހަުލާގީ ގަޮތުން ރަނގަޅު، އަލުން މުޖުތަމައުއަށް ނުކުންނަން ބޭނުންވާ އިސްލާހުވެފައި ތިބޭ ގައިދީންނެވެ.

https://twitter.com/CorrectionsMv/status/1526633652008132608

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޖަލުން ފިލައިގެން އުޅެނިކޮށް ހޯދީ ޑްރަގް ނެޓުވޯކަކާއި ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރާ ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު އެވެ. އޭނާ އަކީ ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހުނުކުރެވިގެން ރާއްޖެ އިން ބޭރުގައި ހުރުމަށްފަހު ރާއްޖެ އައިތަނުން ހައްޔަރުކުރި މީހެކެވެ.

މި މައްސަލައިގަ ފުލުހުންގެ ކުރި ތަހުގީގާއި ގުޅޭގޮތުން މިދިޔަ އަހަރު ފުލުހުން ބުނެފައިވަނީ މިސްބާހު ރާއްޖއިން ފުރުވަން އެހީތެރިވެފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، އައްޑޫ ސިޓީ ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ. ތުހުމަތު ކުރެވޭ ގޮތުގައި މިސްބާހު ދިޔައީ އިރުފާން ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބަދަލުގައި ރަހުނުވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް