ޕާކިން ފީތައް ކުޑަކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި

ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ގޮތުގައި ނަގަމުންދާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި ނޫސްވެރިންގ...

18 May 2021 | 17:55

ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ގޮތުގައި ނަގަމުންދާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެކަށީގެންވާ ޕާކިން އޭރިއާތަކެއް ކަނޑައެޅިފައި ނެތުމާއި، މާލޭގެ މަގުތަކުގެ ފެންވަރަށް ބަލާއިރުވެސް، މިހާރު ޓެކްސީ ޑްރައިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ނަގަމުންދަނީ އެންމެ އިންސާފުވެރި އަގުތަކެއްގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިހާރު ކުލީގެ ގޮތުގައި ހަމަޖެހިފައިވާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އޭގެ ސީދާ ފައިދާ ކުރާނީ ހަމަ ރައްޔިތުންނަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެދެވޭ ނަތީޖާތަކެއް ނުކުންނާނެކަން ފާހަގަ ކުރެއްވިއެވެ.

ޕާކު ކުރުމަކީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވައި މުއިއްޒު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލުން އެކަމަށްޓަކައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަަށް ހުށައަޅަންޖެހޭ މުހިއްމު ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރަށްވެސް ހުށައަޅުއްވާނެކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ،

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާލޭގައި 70000ށް ވުރެ ގިނަ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު ޕާކުކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ނުވަތަ އޮޓޮމޭޓެޑް ޕާކިން ސިސްޓަމްތަކެއް ހަރުކުރަން އޭރު ހައުސިން މިނިސްޓަރަކަށް ހުންނަވައި މުއިއްޒު މަސައްކަތް ކުރެއްވިއެވެ.

އެމަޝްރޫއުގެ ދަށުން މާލޭގައި ކާރު ޕާކް ކުރަން 10 ސިސްޓަމް އަދި ސައިކަލް ޕާކް ކުރަން ވެސް 10 ސިސްޓަމް ބަހައްޓަން ނިންމާފައިވެއެވެ. ނަމަވެސް މާލޭގައި ބެހެއްޓީ 4 ޕާކިން ސިސްޓަމްއެވެ. ބާކީ ސިސްޓަމްތަކަށް ވީގޮތެއް ނޭނގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް