ބްރެޒިލުން ފެނަށް ޖެހި، ދުނިޔޭން ކޮފީ ހުސް ވެދާނެ ކަމުގެ ބިރު ބޮޑު ވެއްެޖެއެވެ. އެ ޤައުމަށް ވާރޭ ނުވެހި ގިނަ ދުވަސް ތަކެއް ވެފައި ވުމުގެ ސަބަބުން، ބްރެޒިލްގެ ދަނޑުވެރިންވަނީ ހަނަފަސް މޫސުމަށް ބޭނުންވާ ވަރަށް އެ ޤައުމުގައި ފެން ނެތްކަން ހާމަ ކޮށްފައެވެ.
ބްރެޒިލްއަކީ ދުނިޔޭގައި އެންމެ ގިނައިން ކޮފީ ބޭރު ކުރާ ޤައުމެެވެ. ކޮފީގެ އިތުރުން އެންމެ ގިނައިން ދޯބުރާލި ހަކުރާއި،އޮރެންޖު ޖޫސްވެސް އެހެން ޤައުމުތަށް ފޯރުކޮށް ދެނީ ބްރެޒިލުން ކަމަށް ވާއިރު، އެ ޤައުމުގެ ވިއްސާރަ މޫސުން ނިމުމަކަށް އައިރުވެސް ދަނޑުވެރިން ބޭނުންވާ ވަރާއި ގާތަށްވެސް ބްރެޒިލަށް ވާރޭ ވެހިފައެއް ނުވެއެވެ.
އެ ޤައުމުގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މެދު އުތުރު ސަރަހައްދުގެ ފެން ކޯރުތަކުން ފެން ހުސްވާން ކައިރި ވެފައި ވާއިރު، ފަސްގަނޑުވެސްވަނީ ހަރުވެ، ހޫނު ގަދަ ވުމުގެ ސަބަބުން ދަނޑުވެރިކަމަށް ބޭނުން ކުރާ ވަރަށް ވުރެ ހިކިފައެވެ.ބްރެޒިލަށް ކުރިމަތި ވެފައިވާ މި ހަނަފަސް ކަމުގެ ސަބަބުން، ރިޒާވް ކޮށްފައި ހުރި މަދު ފެނުން މުޑުވައްތައް ދިރި ހުންނާނެ ކަމުގެ އުންމީދު ކުޑަކަމަށް ދަނޑުވެރިން ބުނެއެވެ.
ކޮފީ ގަހާއި އޮރެންޖު ގަސްތައް މަދުވަމުން ދިއުމުގެ ސަަބަބުން ފުޑް އިންފްލޭޝަންއާއި ކުރިމަތި ލާން ޖެހިދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ. ފުޑް އިންފްލޭޝަންއަކީ ޑިމާންޑަށްވުރެ ސަޕްލައި ދަށްވުމުގެ ސަބަބުން، ކާބޯތަކެތީގެ އަގު މައްޗަށް އުފުލިގެން ދާ ދިއުމެވެ. މީގެ ތެރޭގައި ޒަރޫރީ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭއިރު، ބްރެޒިލަށް ކުރިމަތި ވެފައިވާ ދަތިތަކާއި ގުޅިގެން ދުނިޔޭގައި ބަނޑުހައި ހޫނުކަން އިތުރު ވެދާނެ ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.ސަބަބަކީ، ކޮވިޑު- 19 ގެ ސަބަބުން މިހާރުވެސް ދުނިޔޭގައި ބަނޑުހައި ހޫނުކަން އިތުރުވެފައި ވުމެވެ.
ބްރެޒިލްގެ ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށް ފެން ނުލިބިއްޖެނަމަ، ބްރެޒިލް އިން އުފައްދާ ކޮފީއާއި އޮރެންޖުގެ މިންވަރު ޖެހި ޖެހިގެން 2 އަހަރަށް ދަށް ވެގެން ދާނެއެވެ. ވޭތުވެ ދިޔަ ދަނޑުވެރި ކަމުގެ މޫސުމުގައި އެ ޤައުމުން އޮރެންޖު އުފެއްދި މިންވަރު 31 އިންސައްތަ ދަށަށް ޖެހިފައިވާ އިރު، އަރަބިކާ ކޮފީ އުފައްދާ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެެވެ.ބްރެޒިލްގެ އަރަބިކާ ކޮފީއަކީ ސްޓަރ ބަކްސްފަދަ މަޝްހޫރު ކޮފީ ޗޭނު ތަކުގައި ބޭނުން ކުރާ މަތީ ފެންވަރުގެ ކޮފީއެކެވެ.
ބްރެޒިލްގެ ސައޫ ޕައޫލޯއަށް ވާރޭ ވެހޭ މިންވަރު ކަންބޮޑުވާން ޖެހޭ މިންވަރަކަށް ދަށަށް ގޮސްފައި ވާތާ އަހަރުތަކެއް ވެފައިވާއިރު، އެ ޤައުމުގެ މިނާސް ގޭރިއަސްގައި ވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރިލް މަހާއި ހަމައަށް ވާރޭ ނުވެހި ގިނަ މުއްދަތެއް ވެއެތު ވެފައި ވެއެވެ.މިއީ ކޮފީ ގަސްތަކަށް އެންމެ ބޮޑަށް ފެން ބޭނުންވާ ދުވަސް ވަރެވެ. އަދި ހޫނު މޫސުމަށްޓަކައި ފަސްގަނޑުގައި އެންމެ ބޮޑަށް ފެން ރައްކާ ކުރަނީ ވެސް މި ދުވަސް ވަރުގައެވެ.
2020 ވަނަ އަހަރުވެސް ސައޫ ޕައޫލޯގެ އިތުރުން، ބްރެޒިލްގެ ޕަރާނާ އަދި ޕައުލް މަރކާރޓުގައިވެސް ފެން ނުލިބުމުގެ ސަބަބުން ދަނޑުވެރިން ވަނީ ގިނަ ދަތިތަކަކާއި ކުރިމަތި ލާން ޖެހިފައެވެ.ބްރެޒިލްގެ 30 އިންސައްތަ އަރަބިކާ ކޮފީއާއި 15 އިންސައްތައިގެ އޮރެންޖު ގަސް އުފައްދަނީ ތަފާތު ޗެނެލް ތަކުން ފެން ސަޕްލައި ކޮށް، އިރިގޭޝަން މެދުވެރި ކޮށެވެ. އެހެން ކަމުން، ވާރޭ ވެހުން މަޑު ޖެހުމުން، ދަނޑުވެރިކަން ކުރަން ބޭނުންވާ މިންވަރަށް ފެން ސަޕްލައި އެއް ނުކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް