ދިވެހިންގެ ލޯބިން ގައްޒާ ފުރާލަނީ، މިފަހަރު އަލްޝިފާ ހޮސްޕިޓަލަށް ކަރަންޓު

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ފަލަސްތީނަށް އެމަޖެންސީކޮށް އެހީވުމަށް ކުރިޔަށް ގެންދާ “ލޯތްބާއިއެކު 2021” ގެ ދަށުން ދިވެހިންގެ އެހީން ފަލަސްތީނުގެ ގައްޒާ ލޯބިން ފުރާލަން ފަށާފައި އެވެ. ހާލުގައި ޖެ...

18 May 2021 | 15:21

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ފަލަސްތީނަށް އެމަޖެންސީކޮށް އެހީވުމަށް ކުރިޔަށް ގެންދާ “ލޯތްބާއިއެކު 2021” ގެ ދަށުން ދިވެހިންގެ އެހީން ފަލަސްތީނުގެ ގައްޒާ ލޯބިން ފުރާލަން ފަށާފައި އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް ވެވެން އޮތް ގޮތަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރަމުން ދަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުންނެވެ. އެ ޖަމާއަތުން ވަނީ އިސްރާއީލުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ޒަހަމްވެ ގެދޮރު ގެއްލިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ފައިސާ ދިވެހިންގެ ފަރާތުން ދީފަ އެވެ.

މިފަހަރު އަނެއްކާވެސް ގައްޒާގެ ރައްޔިތުންނަށް ދިވެހިން ދިނީ ތަފާތު އެހީ އެކެވެ. އިންޓަނޭޝަނަލް އެއިޑު ކެމްޕެއިނުން ބުނީ ދިވެހިން ދީފައިވާ ފައިސާގެ އެހީން ތެޔޮ ގަނެ ގައްޒާގެ އަލްޝިފާ ހޮސްޕިޓަލަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އެ ހޮސްޕިޓަލަށް ދަނީ ކަރަންޓުގެ ދަތިކަން ކުރިމަތިވަމުންނެވެ. އައިއޭސީން ބުނީ އެ ހޮސްޕިޓަލުން ކަރަންޓުގެ ހިދުމަތް ނުކެނޑޭނެ ގޮތެއް ހެދުމަށް 2547 ލީޓަރުގެ ތެޔޮ އަލްޝިފާ ހޮސްޕިޓަލަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

އައިއޭސީން ބުނީ މި ތެލުގެ ސަބަބުން ކަރަންޓު ގޮސްގެން ހޮސްޕިޓަލްގެ ހިންގުމަށް ދިމާވެގެންދާނެ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަަމަށް އުންމީދު ކުރާ ކަމަށެވެ. އަލްޝިފާ ހޮސްޕިޓަލަކީ އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވާ އެންމެ ގިނަ މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލެވެ.

https://twitter.com/IACMaldives/status/1394645100064428041

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ގާޒާގައި ހިންގާ ހަރަކާތުގެ ތެރެއިން މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި  ދިވެހިންގެ އެހީގައި ގައްޒާގެ 1،500 އާއިލާއެއްގެ 11،000 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި 1،000 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައިވާއިރު 90 އާއިލާއަށް ކޮންމެ އާއިލާއަކަށް 1،000 ޑޮލަރު ދީފައިވެ އެވެ.

“ލޯތްބާއިއެކު 2021” ގެ ތެރެއިން ފަލަސްތީނަށް އެމަޖެންސީ އެހީ ފޮނުވުމަށް އެހީވުމުގެ ފުރުސަތު ދިވެހިންނަށް އެ ޖަމާއަތުން ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ފުރުސަތު އަދިވެސް އެބަ އޮތެވެ.

އެ ހަރަކާތުން ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ ބީއެމްއެލް އިސްލާމިކްގައި ހުޅުވާފައިވާ “ލޯތްބާއިއެކު” އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމުން ފަލަސްތީނު ރައްޔިތުންނަށް އެހީފޮނުވުމުގައި ބައިވެރިވެވުނީ ކަމަށެވެ.

“ލޯތްބާއިއެކީ” އެކައުންޓު ނަމްބަރު: 7770000026259

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް