މާލެ ސަރަހައްދުގައި އިތުރު އެއް ހަފްތާއަށް ކާފިއު ހިންގަން ނިންމައިފި

ކޯވިޑު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާގެ މުއްދަތަށް ދަންމާލަން އެޗްޕީއޭއިން ނިންމައިފިއެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބް...

18 May 2021 | 14:01

ކޯވިޑު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާގެ މުއްދަތަށް ދަންމާލަން އެޗްޕީއޭއިން ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބިދޭ ބާރުގެ ދަށުން މެއި 12 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތައް ހަތް ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެ މުއްދަތު ނިމޭ ތާރީޚަކީ 2021 މޭ 25 ވަނަ ދުވަހެވެ.

މި އެންގުމުގެ ދަށުން، މާލޭގައި ރަސްމިއްޔާތުތަކާއި ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. ސެލޫންތަކާއި ޖިމްތަކާއި، ބޯކޮށާތަންތަން ބަންދު ކުރަން އަންގާފައިވެ އެވެ.

އެޗްޕީއޭއިން ބުނީ އާންމު ތަންތަނުގައި އެއްފަހަރާ އެއްކޮށް އުޅެވޭނީ ގިނަވެގެން ތިން މީހުންނަށް ކަމަށެވެ. އަދި އެއްގެއިން އަނެއް ގެއަށްޒ ޒިޔާރަތް ކުރުން މަނާކޮށްފައިވާއިރު ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ކުރިޔަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ކެފޭ/ ރެސްޓޯރެންޓުތަކުން ހަމަ އެކަނި ޑެލިވަރީގެ ހިދުމަތް ދޭގޮތަށް ބަދަލުކޮށް ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށް އަންގާފައިވެ އެވެ. ޔުނިވާސިޓީ އަދި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް އަންގާފައިވެ އެވެ.

ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ

ޚިދުމަތް ދިނުމަށް އެޗްޕީއޭއިން އަންގާފައި ވެއެވެ.

މި އެންގުންތައް ތަންފީޒު ކޮށް ރައްޔިތުން އަމަލު ކުރޭތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާތޯ ބެލުމަށް ފުލުހުންނަށް އަންގާފަވެ އެވެ.

މި ނިންމުން މިގޮތަށް ނިންމާފައިވާއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު މިވަނީ ގޯސްވެފައެވެ. 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވާ އަދަދު އުޅެނީ ހާހުން މަތީގައެވެ. މި ބަލީގައި މަރުވާ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް