ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް އަންނަ ޖޫން މަހުގެ ތެރޭގައި ފްލެޓުތަކަށް ވަދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހިޔާ ފްލެޓުތައް ލިބުނު މީހުންނާއި ހަވާލު ކުރުމުގެ މަސައްކަތުގެ ތެރެއިން ލިބޭ ފްލެޓު ކަނޑައެޅުމުގެ ގުރުއަތުނެގުމުގެ ބޮޑުބައި ވަނީ ނިމިފަ އެވެ. ބާކީ ތިބި މީހުންގެ ގުރުނެގުން މެދުކެނޑިފައިވަނީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް މިއަދު މީޑިއާގައިި ވިދާޅުވީ އެންމެ ފަހުން ނިންމާފައިވާ ގޮތަށް އަންނަ މަހުގެ ތެރޭގައި ހިޔާ ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް މިހާރު ކުރިއަށް ދާއިރު ޕްލޭން ކޮށްފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.
އެޗްޑީސީން ބުނެފައިވަނީ ކޯވިޑްގެ ހާލަތަށް ހެޔޮ ބަދަލެއް އަންނަހާ އަވަހަކަށް ބާކީ ތިބި މީހުންގެ ގުރުނެގުން ފަށާނެ ކަމަށެވެ. އެ ކުންފުނިން ދަނީ ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށަން ވާއިރަށް އެތަނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ބަހުގެ ހިދުމަތާއި ސްކޫލް، މިސްކިތް އަދި އެ ނޫންވެސް ހިދުމަތްތައް ދިނުމަށް ބޭނުންވާ މަސައްކަތްތައް ކުރަމުންނެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވަނީ އެ ފްލެޓުތަކުގެ އަގު ޑައުންޕޭމަންޓާއި އެކު7،500 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ކަމަށެވެ. ދައުން ޕޭމަންޓު ދެއްކުމަށް ތިން ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާއިރު ޑައުންޕޭމަންޓު ދެއްކުމުން ކުލި5،000 ރުފިޔާއަށް ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާލުވެފައިވެ އެވެ.
އެޗްޑީސީން ލަފާކުރަނީ ހިޔާ ފްލެޓްތަކަށް ގާތްގަނޑަކަށް 35,000 މީހުން ވަންނާނެ ކަމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި 2,000 މީހުން ދިރިއުޅޭނެ ކަމަށް ބަލައިގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން 25 ފަންގިފިލާގެ 16 ޓަވަރުގައި 6,720 ފްލެޓް އަޅާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް