ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށް: އެޗްޑީސީ

ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ބޭނުންވާ ސްމާޓް އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ދާކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. ދިވ...

18 May 2021 | 10:06

ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ބޭނުންވާ ސްމާޓް އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ދާކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ދިވެހިރާއްޖޭގައި އެއްމެ ފުރިހަމައަށް ޕްލޭން ކުރެވިގެން ތަރައްގީ ކުރެވެމުން އަންނަ  އެއް ސިޓީ ކަމަށްވާ ހުޅުމާލެ  ސިޓީ އަކީ ދިރިއުޅެން ފަސޭހަ ސްމާޓް ސިޓީއަކަށް ހެދުމަށްޓަކައި އެކޯޕަރޭޝަންގެ ފަރާތުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން ދެއެެެވެ.

ސްމާޓް ސިޓީގައި ޓެކްނޮލޮޖީގެ ޒަރީއާއިން ތަރައްގީގެ އެކިދާއިރާތަކަށް ހެޔޮބަދަލު ގެނައުން ހިމެނިގެން ވާއިރު، ކާމިޔާބު ކަމާއެކީ ސްމާޓް ސިޓީއެއް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށާއި ޓެކްނޮލޮޖީގެ މައްޗަށް ބިނާވެގެންވާ އިންފްރާސްޓްރަކްޗަރއެއް ގާއިމުކުރުމަކީ މީގެ އެއްމެ އަސާސީ އެއް މަސައްކަތް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ސިޓީތައް ތަރައްގީވަމުން އަންނައިރުގައި، އާބަނައިޒޭޝަންއާ އެކު ލިބޭ ފައިދާތަކުގެ އިތުރުން، އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ އާއްމު ދިރިއުޅުމަށް ދިމާވާ އެކި ގޮންޖެހުންތައް އެއީ އާވާހަކަ ތަކަކަށް ނުވާނެއެވެ. ބޮޑެތި އާބާދީތައް އެއްތަނެއްގަ ދިރިއުޅެން ދިމާވުމުން، ގެދޮރުގެ ދަތިކަން، ދަތުރުފަތުރުގެ ހުރަސްތައް، އަސާސީ ޙިދުމަތްތައް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމުގެ ދަތިކަން، ސިއްހީ، ތަޢުލީމީ ހިދުމަތްތައް ދިނުމުގެ ދަތިކަން، ވަޒީފާގެ ދަތިކަން ފަދަ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

އެހެންނަމަވެސް، ދުނިއޭގެ ތަފާސް ހިސާބުތަކުން ދައްކާއިރު، 2050 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުން ދިރިއުޅޭނީ އާބަން ސަރަހައްދު ތަކުގައެވެ. ވުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ބޮޑެތި އާބާދީތައް އެއްފަސް ކުރުމުގެ މަސައްކަތް ކުރުމަކީ ކޮންމެހެން މުހިއްމުކަމަކަށް ވެފައިވާ ކަމަށް އެޗްޑީސީއިން ފާހަގަ ކުރެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ތަރައްގީ ކުރުމަށާއި އާބަން ސަރަހައްދު ތަކަކީ ދިރިއުޅެން ފަސޭހަ ތަންތަނަށް ހެދުމަށް ސްމާޓް ސިޓީ ކޮންސްޕްޓް (ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިޓީއެއްގައި ލިބިދޭންޖެހޭ ހިދުމަތްތައް ދިނުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުން)، އެއީ މިހާރު ދުނިޔޭގެ ތަރައްގީ ވެފައިވާ އަދި ތަރައްގީ ވަމުން އަންނަ އެތައް ގައުމެއްގައި ބޭނުން ކުރަން ފަށާފައިވާ ކޮންސެޕްޓް އެކެވެ.

މިގޮތުން، އިންޓަރނެޓް އަދި ސްމާޓްފޯން ޓެކްނޮލޮޖީގެ އެހީގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ދަނީ ސްމާޓް ސިޓީގެ މަޝްރޫއުތައް ތަންފީޒުކުރަމުންނެވެ. މިގޮތަށް ދުނިޔޭގެ އެކި ޤައުމުތަކަށް ބަލާއިރު އެމެރިކާ، އިނގިރޭސިވިލާތު، ޑެންމާރކް، ނެދަލޭންޑްސް، ޖަޕާން، ހޮންގް ކޮންގް، އަދި އަވައްޓެރި އިންޑިއާގައި ސްމާޓް ސިޓީތައް ވަނީ ކުރިއަރައިގެން ގޮސްފައެވެ.

ސްމާޓް ސިޓީއެއްގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން، އާއްމު ޙިދުމަތްތަކުގެ ފެންވަރުރަނގަޅު ކުރެވި، ތިމާވެށީގެ މައްސަލަތައް ކުޑަކުރެވުން، އަސާސީ ޚިދުމަތްތައް ހަމަހަމަ ކަމާއެކު ފޯރުކޮށްދެވުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވުން، ތައުލީމާއި، ސިއްހީ ޚިދުމަތްތައް ރަނގަޅު ކުރެވުން، ދަތުރުފަތުރުގެ ނިޒާމުގެ ކަންކަން ހަރުދަނާ ކުރެވުން،  ވިޔަފާރިއާއި، ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ،އިގްތިސޯދު ތަރައްގީވެ ކުރިއެރުން، އަދި ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުގެ ހާލަތު ރަނގަޅުވެގެން ދިއުން ފަދަ ކަންކަން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް