ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުރައްކާ އޮތް ކަމަށް ބުނެ ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ތަނުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މަޖިލީސް ގޮއްވާލާނެ ކަމަށް މީހަކު ބުނެފައިވަނީ މަޖިލީސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަ ވަނަ ދުވަހުގޭ ދެވުނު ޓެރަރިސްޓު ހަމަލާ އާ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސް ޓީވީ ޗެނަލަކުން ލައިވްކުރަމުން ދިޔަ ވަގުތު ފޭސްބުކް ލައިވްއަށް ކުރި ކޮމެންޓެއްގައި އެވެ. މި މައްސަލައިގަ މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލިސް ގޮށްވާލަން ޖެހޭކަމަށް ބުނެ ލިޔެފައިވާކަން ސަމާލުކަމަށް އައުމާއެކު މަޖިލީހުގެ އަމީންއާންމު އެ ކަން ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
މަޖިލީހުގެ މެމްބަރުންނާއި ނައިބު ރައީސް މިިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނިކޮށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މަޖިލީހަށް ނުރައްކާ އޮތް ކަމަށް ބުނެ އެ އިދާރާއަށް ރޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތާއި ގުޅިގެން މަޖލީހުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ.
ސެކިއުރިިޓީ މަތި ކުރި ތަންތަނުގެ ތެރޭގައި މަޖިލީހުގެ އިމާރާތާއި އިމާރާތުގެ ވަށައިގެންވާ ސަރަހައްދު ހިމެނެ އެވެ. ސެކިއުރިޓީގެ ހާލަތަށް ބަލައި ލަންކަން ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭ ފޭސްބުކްގައި ދިން އެ އިންޒާރުގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށް ފުލުހުންވެސް ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ މަޖިލީސް ގޮއްވާލާނެ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ކޮމެންޓު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުންދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެހެނިހެން ގޮތްގޮތުން ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެ ކަންކަން ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް