ރައްޔިތުންގެ މަޖިލީސް ކުރާ ގެ ގޮއްވާލާނެ ކަމަށް ސޯޝަލް މީޑިއާގައި މީހަކު ބުނި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެމީހާ މަޖިލީސް ގޮއްވާލަން ޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވަނީ މަޖިލީސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަ ވަނަ ދުވަހުގޭ ދެވުނު ޓެރަރިސްޓު ހަމަލާ އާ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސް ޓީވީ ޗެނަލަކުން ލައިވްކުރަމުން ދިޔަ ވަގުތު ފޭސްބުކް ލައިވްއަށް ކުރި ކޮމެންޓެއްގައި އެވެ. މި މައްސަލައިގަ މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލިސް ގޮށްވާލަން ޖެހޭކަމަށް ބުނެ ލިޔެފައިވާކަން ސަމާލުކަމަށް އައުމާއެކު މަޖިލީހުގެ އަމީންއާންމު އެ ކަން ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޖިލީސް ގޮއްވާލާނެ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ކޮމެންޓު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުންދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެހެނިހެން ގޮތްގޮތުން ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެ ކަންކަން ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް