ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު އަލުން އެކުލަވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އާ ކައުންސިލަރުން ހުވާ ކުރެއްވުމާއި އެކު އެލްޖީއޭގެ ބޯޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވީ އިއްޔެ ކަމަށެވެ. ރައީސް އަލުން ބޯޑު އެކުލަވާލީ ގާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ގެ 59 ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ.
ރައީސް ކަނޑައަޅުއްވާ މިނިސްޓަރުގެ ގޮތުން އެލްޖީގެ ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ. ރައީސް އޮފީހުން ބުނީ ރައީސް ކަނޑައަޅުއްވާ މިނިސްޓަރަކު އެލްޖީއޭއަށް އައްޔަން ކުރަނީ ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ކަމަށެވެ.
ގާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ފާޠިމަތު އަފްޝަން ލަޠީފެވެ.
މީގެ އިތުރުން ޤާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގައިވާ މާލީ ކަންކަމާގުޅޭ ވުޒާރާ ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ކަނޑައަޅުއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަޙްމަދު ޝަރީފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް