އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށާއި އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހެކި ހޯދައިފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓުގައި އީސަގެ ނަން ވެސް ވަނީ ހިމަނާފައެވެ.
މި މައްސަލައިގައި އޮންލައިން ނޫހެއްގެ ފަރާތުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އީސަ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން ބައި ރުފިޔާއެއްގައި ވެސް ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ލިބިފައި ނުވާ ކަމަށާއި އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެއްވެސް މުއާމަލާތެއް ހިންގުމުގެ މެދުވެރިއެއްގެ ދައުރުވެސް އަދާކޮށްފައި ނުވާނެ ކަމަށެވެ.
ނަމަވެސް އޭނާގެ ހިއްސާ ކުރިން އޮތް ކުންފުންޏަކާއި އަދީބާއި ދެމެދު ވިޔަފާރީގެ ސައްހަ މުއާމަލާތެއް ހިނގާފައިވާނެ ކަމަށާއި އެގޮތުން އެ ކުންފުންޏަށް އަދީބު ދައްކަންޖެހޭ ފައިސާއާ ހަވާލުވި ކަމަށް އީސަ ވިދާޅުވިއެވެ. އެގޮތުން އެ ފައިސާއާ އޭނާ ހަވާލުވީ އޭރު އެ ކުންފުނީގެ ފައިސާގެ ކަންކަން ބަލަހައްޓަމުންދިޔަ ދެ ޑައިރެކްޓަރުންގެ ތެރެއިން އެއް ޑައިރެކްޓަރަކީ އޭނާ ކަމަށްވާތީ ކަމަށާއި އެ މުއާމަލާތާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ކުންފުނީގައި މިހާރުވެސް ހުންނާނެ ކަމަށް އީސަ ވިދާޅުވިއެވެ. ނަމަވެސް އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެއީ ކޮން ވިޔަފާރީގެ މުއާމަލާތެއްކަން އީސަ ވިދާޅެއް ނުވެއެވެ.
އެ މުއާމަލާތާ ގުޅޭ ހުރިހާ ތަފްސީލެއް ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާ އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހަޅަން އަމިއްލަ އަށް އިސްނެގި ކަމަށާއި އެގޮތުން އަދި މިހާ ހިސާބަށް އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭގޮތުން އޭނާއާ ދެކޮޅަށް ތަހުގީގެއް ހިންގަން ނިންމާފައި ނުވާ ކަމަށް ކޮމިޝަނުން އޭރު މައުލޫމާތުދިން ކަމަށްވެސް އީސަ ވިދާޅުވިއެވެ.
މީގެއިތުރުން އީސަ ވަނީ ހިޔާނާތުގެ މައްސަލަ ނުވަތަ އެ ނޫންވެސް ކަމެއްގައި ދައުލަތުގެ ތަހުގީގީ އެއްވެސް އިދާރާއަކަށް ހެކިތަކެއް ހޯދިއްޖެ ދުވަހެއް އަތުވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް