އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ކުރިޔަށް ގެންދާ "ލޯތްބާއިއެކު 2021" ގެ ދަށުން ދިވެހިންގެ އެހީގައި ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކެއުމާއި ފައިސާގެ އެހީ ދީފި އެވެ.
އެ ކެމްޕެއިނުން ބުނީ މިހާތަނަށް ގައްޒާގެ 1،500 އާއިލާއެއްގެ 11،000 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި 1،000 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައިވާއިރު 90 އާއިލާއަށް ކޮންމެ އާއިލާއަކަށް 1،000 ޑޮލަރު ދީފައިވެ އެވެ.
ކާބޯތަކެތީގެ ގޮތުގައި 2،100 އާއިލާއަށް ފޯރުކޮށްދީފައިވަނީ ކެއްކުމާއި ބުއިމަށް ބޭނުން ކުރާނެ ސާމާނެވެ. 300 މީހަކަށް ބަތްޕާރުސަލް ދީފައިވެ އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ އުންމީދަކީ އެހީގެ ގޮތުގައި ދިން ތަކެތީގެ ތެރެއިން އާއިލާތަކަށް ހަދިޔާ ކުރި ފައިސާ ސަބަބުން ގައްޒާގެ އަޚުންނާއި އުޚްތުންނަށް ބޭނުންޖެހިފައި ވާ ކަންތައްތަކުގެ ތެރެއިން ކޮންމެސް މިންވަރެއް ހާސިލްވުން ކަމަށެވެ. ފައިސާގެ އެހީ ދީފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަށް އެހީވާ ތިން ސްޕޮންސަރެއްގެ ބައިވެރިވުމާއި އެކު އެވެ.
"ލޯތްބާއިއެކު 2021" ގެ ތެރެއިން ފަލަސްތީނަށް އެމަޖެންސީ އެހީ ފޮނުވުމަށް އެހީވުމުގެ ފުރުސަތު ދިވެހިންނަށް އެ ޖަމާއަތުން ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ފުރުސަތު އަދިވެސް އެބަ އޮތެވެ.
https://twitter.com/IACMaldives/status/1394386787888365568
https://twitter.com/IACMaldives/status/1394414068815974402
އެ ހަރަކާތުން ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ ބީއެމްއެލް އިސްލާމިކްގައި ހުޅުވާފައިވާ “ލޯތްބާއިއެކު” އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމުން ފަލަސްތީނު ރައްޔިތުންނަށް އެހީފޮނުވުމުގައި ބައިވެރިވެވުނީ ކަމަށެވެ.
“ލޯތްބާއިއެކީ” އެކައުންޓު ނަމްބަރު: 7770000026259
މީގެ ކުރިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ހިންގި މިފަދަ ހަރަކާތްތަކުގައި ދިވެހިން ދިން ފައިސާގެ އެހީގައި ވަނީ ރޯދަ މަހު ސީރިއާ އާއި ފަލަސްތީންގެ ގާޒާގައި ދިރިއުޅޭ މުސްލިމުންނަށް ކާބޯތަކެތީގެ އެހީ ފޮނުވާފަ އެވެ. ބައެއް ފަހަރު އަންނައުނުވެސް ފޮނުވާފައިވެ އެވެ.
މި ޕްރޮގްރާމްތައް މެދުކެނޑިފައިވަނީ ކޯވިޑް-19 އާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް