ރައްޔިތުންގެ މަޖިލިސް ގޮށްވާލަން ޖެހޭކަމަށް ބުނި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް މަޖިލީހުން ބުނެފިއެވެ.
ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވުން އާންމު ވެފައިވާތީ އެފަދަ ފަރާތްތަކާ މެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދެވުނު ހަމަލާ އާ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސް ޓީވީ ޗެނަލަކުން ލައިވްކުރަމުން ދިޔަ ވަގުތު ފޭސްބުކް ލައިވްގައި މަޖިލީހަކީ ގޮށްވާލަންޖެހޭ ތަނެއްކަމަށް ބުނެ މީހުން ލިޔެފައިވާކަމަށެވެ.
މީކާއިލްގެ މިވާހަކައާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުވެސް ވަނީ އެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލިސް ގޮށްވާލަން ޖެހޭކަމަށް ބުނެ ލިޔެފައިވާކަން ސަމާލުކަމަށް އައުމާއެކު މަޖިލީހުގެ އަމީންއާންމު އެ ކަން ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ހަރުކަށި ފިކުރު ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް