މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލާގައި ޝާމިލްވާ ފަރާތްތައް ނުވަތަ އޭގެ މަންފާ ލިބުނު ފަރާތްތައް ދެނެގަނެ ރައްޔިތުންގެ ފައިސާއިން ހިޔާނާތްތެރިވި މީހުން ގާނޫނޫގެ ކުރިމައްޗަށް ގެނައުމުގެ ވައުދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
އެމްޑީޕީގެ ރިޔާސީ ވައުދެކެވެ. އިންތިހާބުގެ ދުވަސްވަރު އެންމެ ގަދަޔަށް ދެއްކި ވާހަކައަކީވެސް އެއީ އެވެ. ރައްޔިތުން އެމްޑީޕީއަށް ވޯޓުދޭންޖެހޭ މައިގަނޑު އެއް ސަބަބެއްކަމަށްވެސް މުޅި އެމްޑީޕީ އެއް އަޑަކަށް ދެއްކި ވާހަކައަކީވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހު، އެ ވައުދު ފުއްދެވުމުގެ މަސައްކަތް ފައްޓަވައި އެކަމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދި އުފެއްދުމުންވެސް ސަރުކާރަށް، އެމްޑީޕީއަށް އެކަމުގެ މުހިންމުކަން އޮތް މިންވަރު އެނގިގެންދެ އެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު ވައުދު ފުއްދެވުމުގެ މަސައްކަތް ފަށައިގަތް ފަށައިގަތުމުން އެމްއެމްޕީއާރުސީގެ ވައްކަމުގެ ބައިވެރިން އަތުލައިގަނެވޭނެކަމަށް ގިނަ ރައްޔިތުންނަށް ގަބޫލުކުރެވުނު އެވެ. ނަމަވެސް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މަސައްކަތް ކުރިއަށްދިޔަ މިންވަރަކަށް މަންޒަރު އައި ބަދަލުވަމުންނެވެ. އެއީ އެމްޑީޕީއަށް މަރުދޭ އެކްޓިވްސްޓަކު ކަމުގައިވިނަމަވެސް ރިޔާސީ ކޮމިޝަންގެ މަސައްކަތުން ނަތީޖާއެއް ނެރެވިދާނެކަމުގެ ޝައްކު ނަޒަރުން ގެންދިޔައީ ބަލަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ދައުރުން ބޭރުގައި ބާއްވައި، ކޮމިޝަނަށް ބާރުތަކެއް ދިން ނަމަވެސް ކޮމިޝަނުން ކުރަމުން އައި މަސައްކަތެއްގެ ނަތީޖާއެއް ނުފެންނަކަމަށް ބުނެ، ކޮމިޝަނަށާއި، ސަރުކާރަށް ދުވަހެއް ދުވަހަށް ފާޑުކިޔުންތައް އިތުރުވަމުންދިޔަ އެވެ. ރައީސް ސޯލިހްގެ ސަރުކާރަށް ދެ އަހަރުގެ ކާމިޔާބުގެ ވާހަކައަށް ވަޑައިގެންނެވިއިރުވެސް ބޮޑު ވައްކަމުގެ ވާހަކަ އޮތީ ކުރިއަށް ނުގޮސް އެވެ.
ވެރިކަމަށް ވަޑައިގެން އިއްވެވި ކޮންމެ ރިޔާސީ ބަޔާނެއްގައި އެކަމުގެ ވާހަކަ ދެއްކެވިނަމަވެސް، 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވެވިއިރު ރައީސް ސޯލިހްވެސް ކޮމިޝަންތަކުގެ ވާހަކައެއް ވިދާޅެއް ނުވެެ އެވެ. އެޔާއެކު ރައީސް ސޯލިހް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ބޮޑު ވައުދު ހަނދާން ނައްތާލީކަމަށް ގިނަ ރައްޔިތުންނެއް ގަބޫލުކުރި އެވެ.
ބޮޑު ވައްކަމެއްގައި ހިމެނުނު ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ބޮޑު ބާރުވެރިކަމެއް ޤާނޫންދީ އުފެއްދި ކޮމިޝަނަށް ވައްކަމުގެ ބައިވެރިން ނުވަތަ އޭގެ މަންފާގެ ބައިވެރިންގެ ލިސްޓެއް އެކުލަވާލެވުނުކަމުގެ ވާހަކަ އަކީ ކޮމިޝަނަށް ކުރެވުނު އައު މަސައްކަތެއް ނޫނެވެ. އެހެނީ ރައީސް ސޯލިހް ރިޔާސީ ކޮމިޝަން އެކުލަވާލެއްވިއިރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަންް (އޭސީސީ) އިންނާއި، ފުލުހުންގެ އިދާރާއިންވެސް ކޮންމެވެސް ލިސްޓުތަކެއް އެއްކޮށް، ގެންގުޅެމުންދިޔަ އެވެ. ރިޔާސީ ކޮމިޝަނުން ތަހުޤީޤް ކުރިއަށްގެންދިޔައީ ތިން އިދާރާ އެކުވެ ކަމަށްވާތީވެ، ރިޔާސީ ކޮމިޝަނަށް ލިސްޓެއް އެކުލަވާލެވުމަކީ އައު ކަމެއްގެ ގޮތުގައި ގަބޫލުކުރަންޖެހޭ އެއްވެސް ހަމައެއް ނެތެވެ.
އ2015އިން ފެށިގެން ލިސްޓެއްގެ ވާހަކަ ކޮންމެވެސް ގޮތަކަށް ދެއްކުމަށްފަހު، ރައީސް ސޯލިހްގެ ރިޔާސީ ކޮމިޝަނުންވެސް ލިސްޓެއްގެ ވާހަކަތައް ދައްކަމުންދިޔައިރު، ރައްޔިތުން ބޮޑު ސުވާލަކަށްވެފަ އޮތީ ލިސްޓު އާންމުނުކޮށް ތިބީ ކީއްވެތޯ އެވެ. ލިސްޓަށް އެވަރުގެ ބޮޑު ސިއްރުކަމެއް އެ ލިބެނީ ކާކުގެ ނަމެއް ލިސްޓުގައި އޮވެގެންތޯ އެވެ.
ނަންތައް ހާމަނުކުރުމުގެ ސަބަބުން ސަރުކާރަށް އަމާޒުވި ޕްރެޝަރުތަކުގެ ނަތީޖާއަކަށްވެގެންދިޔައީ ވެރިކަންކުރާ އެމްޑީޕީއަށް އޮތް ތާއީދު ދަށަށް ދިއުމެވެ. އެމްޑީޕީގެ އެންމެ "ހާޑްކޯރ" އެކްޓިވިސްޓުންވެސް ޕާޓީއަށް ފާޑުކިޔުންތައް އަމާޒުކުރަމުންގެންދިޔައިރު، ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނެރުނު ނަތީޖާވެގެންދިޔައީ އެމްޑީޕީ ބޮޑުތަނުން ލަދުގަންނުވާލިކަމަކަށެވެ.
ޕާޓީ ދެ ފެކްޝަންވެ، ޕަޓީގެ ރައީސް މީޑިއާއަށް ނިކުންނަވާ އިންތިހާބުން ބަލިވީ ސަރުކާރުން ވައްކަންތައް ފޮރުވުމަށް މަސައްކަތް ކުރަން ފެށުމުންކަމަށް ވިދާޅުވެ އެމްއެމްޕީއާރުސީގެ މައްސަލައިގެ ކަންކަން ސަރުކާރުން ކުރިއަށްގެންދާ މިސްރާބަށް ވަރަށް ބޮޑަށް ފަޑުވިދާޅުވި އެވެ. ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ޕާޓީގެ އާންމު މެމްބަރުންގެ ބޮޑު ތަރުހީބެއްވެސް ލިބުނެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ހިމޭންވެފައި އޮތްއޮތުން ބަދަލުވެ، އެންމެންގެ ބޮޑު ވާހަކައަކަށް އެމްއެމްޕީއާރުސީގެ ވައްކަމުގެ ވާހަކަވި ހިސާބަކީ އެއީކަމަށް ބުނެވިދާނެ އެވެ.
ލިސްޓާއެކު ތަހުޤީޤް އޮތް ހިސާބެއް އާންމުކުރުމަށް ރައީސް ނަޝީދުގެ ޓީމުން އަމާޒުކުރަން ފެށި ޕްރެޝަރުތަކަށް ސަރުކާރުންވެސް އޮތީ ދާދި އެހަކަށް ދުވަހަކާ ޖެހެންދެން ދޫދޭގޮތަކަށެއް ނޫނެވެ. އެހެނީ މަޖިލީހުން އެމްއެމްޕީއާރުސީގެ މައުލޫމާތު ހިއްސާކުރުމަށް އެދުނު އެދުމަށް ސަރުކާރުން އޮތީ ފަހުވަގުތަށް އިޖާބަ ނުދީ އެވެ. މައުލޫމާތު މަޖިލީހާ ހިއްސަކުރުމަށް ކަނޑައެޅި ވަގުތަށް އެކަން ނުކޮށްފާނެކަމަށް ނަޝީދު ނޫސްވެރިން އެއްކޮށް، އެމްއެމްޕީއާރުސީގެ މައްސަލާގައި "ދޭތިން އެކައްޗަށް" ސަރުކާރަށް ދިނުމަށްފަހު، ހުށަހެޅުވީ މައްސަލަ ތަހުޤީޤްކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމެންޓްރީ ގުރާޕަށް ދިނުމަށެވެ. އެބާރު ލިބުމުން އެމަނިކުފާނު ނިންމަވާ ހުންނެވީ ބޭރުގެ ތަޖުރިބާކާރު ތަހުޤީޤީ ޓީމެއް މެދުވެރިކޮށް އެކަން ކުރުމަށެވެ.
ރައީސް ނަޝީދަށް ހަމަލާ ދެވުނީ އެ މައުލޫމާތު މަޖިލީހާއި ހިއްސާކުރެއްވި ރޭގަ އެވެ. ނަމަވެސް މަޖިލީހުގެ ނައިބް ރައީސް އިީވާ އަބްދުﷲ އާއި، އެމްޑީޕީގެ ބައެއް އިތުރު މަޖިލީސް މެމްބަރުން ހިމެނޭގޮތަށް ނަޝީދު ފެއްޓެވި މަސައްކަތް ހުއްޓައެއް ނުލެއްވި އެވެ. އެންމެފަހުން މިމަހުގެ 12 ވަނަ ދަވަހު ކޮމެޓީން ވަނީ ވައްކަމުގެ ބައިވެރިންގެ ނަންތަކާއި، މަންފާ ލިބުނު ފަރާތްތަކުގެ ނަންތައް ހިމެނޭގޮތަށް މުޅި ލިސްޓު އާންމުކޮށްލާފަ އެވެ. އެމްއެމްޕީއާރުސީ އާއެކު ކޮށްފައިވާ ސައްހަ މުއާމަލާތެއް ހިމެނެތޯ ނުވަތަ ނޫންކަންވެސް ނުބަލަ އެވެ. ބޮޑު ލިސްޓު ދޫކޮށްލީ ރައްޔިތުންނަށެވެ.
މަޖިލީހުން އާންމު ކުރި ލިސްޓުގައި 119 ފަރާތެއް ހިމެނެއެވެ. މިއީ ދައުލަތުގެ މަގާމުތަކުގައި ތިބެގެން ޚިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ ލިސްޓެވެ. މި ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ހިމެނެއެވެ. އެގޮތުން 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގެ 58 މެމްބަރުން މި ލިސްޓުގައި ހިމެނެއެވެ.
ލިސްޓު ނޫސްވެރިންނަށް އެއްކޮށް ބަލާނުލެވި އުޅެނިކޮށް ބަޔާންތަކާއި ޓުވީޓުތައް އަންނަން ފެށީ އެއްވާނަކަށެވެ. ކުރީބައިގައި ބަޔާންތައްވެސް ލިޔެ ތައްޔާރުކޮށްފައިވާ ކަހަލަ އެވެ. އެހާވެސް ބައެއް ފަރާތްތަކުގެ ހަރަކާތްތައް ފެނުނީ ހަލުވިކޮށެވެ.
މިހާރުގެ މެމްބަރުންނާއި، ކުރީގެ މެމްބަރުން ހިމެނިވަޑައިގަންނަވާގޮތަށް ޓުވިޓަރުގައި ގޮވެލިތައް ގޮވަން ފެށީ އެއް އަޑަކަށެވެ. ކޮންމެ ގޮވެޔެއްގެ އެއް އަޑެކެވެ. ލިސްޓުގައި ނަން ހިމެނި، އާންމުކުރީ އަބުރު ކަތިލުމަކަށްކަމަށާއި، އެއީ ވަރަށް ގޮތްކުޑަ ބަޔަކު ކުރިކަމެއްކަމަށެވެ. ހިޔާނާތުގެ ފައިސާއެއްގައި ޖެހިފައިނުވާނެކަމަށާއި، ކޮށްފައިވާ މުއާމަލާތެއްނަމަ އެއީ ސައްހަ މުއާމަލާތެއްކަމުގެ ގޮވުންތަކެވެ. ޓީވީތަކުން ރޭގަނޑު 8:00 ގެ ހަބަރަށް އެރުމުގެ ކުރިން އެ ލިސްޓުގައި ތިބި ހުރިހާ ފަރާތްތައްގޮތަށް، ތުހުމަތުތަކުން ތިބީ ބަރީއަވަޑައިގެންނެވެ. އެވަގުތާއި ހަމައަށްދިޔައިރު، ވައްކަމުގައި ޝާމިލްވި އެއް ބޭފުޅެއްގެ ނަންވެސް ލިސްޓުގައި ހިމެނިފައިއޮތްކަމަށް ނުވެ އެވެ.
މިލިއަނުން މިލިއަނުން ފައިސާ ނެންގެވިއިރު އެއީ ހަދިޔާކަމަށް ގަބޫލުކޮށް އަމިއްލަ ދިރިއުޅުން އާރާސްތުކުރަންށާއި އެކި އެކި ސިޔާސީ މަންފާ ހާސިލްކުރުމަށް ހަރަދު ކުރި ބޭފުޅުން މަދެއްވެސް ނޫނެވެ. މިއަދު އެއީ ހިނގި ކަމެއްކަމަށް އެއްބޭފުޅަކުވެސް އެއްބަސް ނުވެއެވެ. މިކަމުގައި ދެކޮޅަށްވެސް ވާހަކަ ދެއްކުމުގެ ޖާގަ އެބައޮތެވެ. ފައިސާ ލިބުނު ފަރާތްތަކަށް އެ ފައިސާ ލިބުނު އިރު އެއީ ދައުލަތުގެ މާލިއްޔާ ލޫޓުވާލައި ބަހާ ކަޅު ފައިސާކަން އެނގި ހުރެ އެއްވެސް ބޭފުޅަކު ނުނަގާނެކަން ޔަގީނެވެ. މިއީ އެބޭފުޅުން އާރުލާފައި މިއަދު ދައްކަމުންދާ ވާހަކައެވެ. ސިޔާސީ ބޭފުޅުންނާއި ބޮޑެތި ވިޔަފާރިވެރިން މިއަދު ދައްކަނީ މި ވާހަކައެވެ. މިލިއަނުން މިލިއަނުން ދެއްވީ އެހީކަމަށެވެ.
ކޮންމެއަކަސް، އަދުލު އިންސާފު ގާއިމްކުރެވޭނީ މި ކަންކަމުގެ ހަގީގަތް ހާމަކުރެވިގެންނެވެ. ހެއްކާއި ގަރީނާ ހޯދިގެންނެވެ. ކޮންމެ ބޭފުޅަކުވެސް ކޯޓަށް ހާޒިރުކުރުމުން ފައިސާ ލިބުނު ކަމާއި މެދު އިންކާރު ކުރާނެކަން ޔަގީނެވެ. ރާއްޖޭގެ ޖުޑީޝަރީގައި އެފަދަ ގާބިލްކަމެއް ހުރި ނަމަ، މި މައްސަލަތައް އަވަސްކޮށް ރައްޔިތުންނަށް އިންސާފު ހޯދައިދޭށެވެ. ފައިސާވެރިން ފައިސާ ބުރުވައި ކޮންމެ ކަމަކުންވެސް ރެކެން މަސައްކަތް ކުރާނެއެވެ. މާޒީގެ ސަފްހާތަކަށް ބަލާއިރު ފެންނަން ހުރީ އެކަމެވެ. ޖުޑީޝަރީ ގަނެ ނުވަތަ އެނޫން ގޮތަކަށްވެސް ފައިސާ ވެރިން ކުރި ހޯދައެވެ. ނުވަތަ، ވެރިކަމުގައި ލިބޭ އާރާއި ބާރުން ކަންކަމުން ރެކެއެވެ. މާލިއްޔާ ވަގަށް ނަގައި ކަޅު ފައިސާގައި ޖެހުނު މީހުންގެ ނަންތަކާއި އޭގެ ކުޑަ މިންވަރެއް މިއަދު ރައްޔިތުންނަށް އެނގިފައިވާއިރު ވަގުތު ބޭކާރު ނުކޮށް މިކަންކަމަށް އަވަސް ފިޔަވަޅު އެޅުން މިއީ މުހިންމުކަމެވެ. ސުވާލަކީ ކުރެވޭނެތޯ އެވެ؟ ވާނެތޯއެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް