ކޯވިޑް-19ގެ ނުރައްކާ މާބަނޑު މީހުންނަށް ބޮޑު: ޑރ. ފައިސަލް

މާބަނޑު މީހުންނަށް ކޯވިޑް-19 ޖެހުމުން ނުރައްކާ ވަރަށް ބޮޑު ކަމަށް ވިދާޅުވެ  މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު އަހުމަ...

18 May 2021 | 05:13

މާބަނޑު މީހުންނަށް ކޯވިޑް-19 ޖެހުމުން ނުރައްކާ ވަރަށް ބޮޑު ކަމަށް ވިދާޅުވެ  މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު އަހުމަދު ފައިސަލް އިންޒާރުކުރައްވައިފިއެވެ.

ރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޑަކުދިންގެ ހާއްސަ  ޑރ. ފައިސަލް ވިދާޅުވީ ކޯވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު މާބަނޑު މީހުން މިބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާ ކަމަށެވެ. މި ބަލީގައި ހާލު ބޮޑުވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ގިނަކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ އައިސީޔޫއަށްލާން ޖެހޭ މީހުންގެ އިތުރުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭ މާބަނޑު މީހުން ވެސް އެބަތިބި ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުން ޕޮޒިޓިވްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މައިމީހާގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނޭދެވޭ އަސަރު ކުރާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ހާލަތުގައި ދަރިފުޅު ނިޔާވެ، އެބޯޓުވުން ފަދަ ހިތާމެރި ހާދިސާތައް ހިނގާ ކަމަށެވެ.

މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މާބަނޑު ދެ މީހަކު ދުވަސްނުފުރާ ވިހާފައިވާ ކަމަށާއި، އެ ކުދިންނަށް ވެސް ފަރުވާ ދެމުންދަނީ އެންއައިސީޔޫގައި ކަމަށެވެ

މާބަނޑު މީހުންނަކީ ހައިރިސްކް މީހުންކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ 35 އަހަރަށް ވުރެ އުމުރު މަތިނަމަ، ނޭވާ ހިއްލާނަމަ، ލޭމައްޗަށް ދާނަމަ ނުވަތަ ހަކުރު މައްޗަށްދާ ނަމަ ނުވަތަ އެހެން ދާއިމީ ބައްޔެއް ހުރި އަންހެނެއްނަމަ ރިސްކް ބޮޑުވާނެ ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް މާބަނޑު އަންހެނުން ޚާއްސަކޮށް ސަމާލުވާން ޖެހޭ ކަމަށެވެ. އެހެންކަމުން މިހާރު މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ޑރ. ފައިސަލް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް