ބޮލީވުޑްގެ މެގާ ސްޓާ އަމީތާބު ބައްޗަން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ ކަންކަމުގެ ތަފްސީލް ހާމަ ކުރަނީ މީހުންގެ ފަރާތުން ތައުރީފުގެ ބަސް ހޯދަން ނޫން ކަމަށް ބުނެފި އެވެ.
އޭނާގެ ބްލޮގްގައި ލިޔެފައިވާ ގޮތުގައި ކޯވިޑަށް ހަރަދު ކުރުމަށް ފަހު އޭނާ ހަރަދުކޮށްގެން އިންޑިއާއަށް ގެންދާ ތަކެތި އެ ގެންދަން ކަނޑައަޅާފައިވާ ތަންތަނަށް ދޭތޯ އަމިއްލައަށް ދަނީ ބަލަމުންނެވެ. އަމީތާބް ބުނީ އޭނާ ހަރަދުކޮށްގެން ގަންނަ ހުރިހާ ތަކެތީގެ ތަފްސީލްވެސް ހާމަ ކުރަމުންދާނެ ކަމަށެވެ.
އެގޮތުން އިންޑިއާ އެންމެ ފުރަތަމަ އޮކްސިޖަނަށް ޖެހުމާއި އެކު ޕޮލެންޑުން 50 އޮކްސިޖަން ފުޅި އޯޑަރުކޮށްގެން ގެނެސް ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލަކަށް ހަދިޔާ ކުރި ކަމަށާއި މިހާރު އިތުރު އޮކްސިޖަން ސިލިންޑަރުތަކަކަށް އޯޑަރު ދީފައިވާނެ ކަމަށް ބުނެފައިވެ އެވެ. އަދި މިހާތަނަށް މުމްބާއީގެ އެންމެ ބޭނުން ޖެހިފައިވާ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް 10 ވެންޓިލޭޓަރު ހަދިޔާ ކޮށްފައިވާ ކަމަށް ބުންޏެވެ.
އަމީތާބު ބުނީ އޭނާ ކޯވިޑަށް ހަރަދު ކުރަނީ ވަރަށް މަދުން ކަމަށް ފެންނަ އަދަދުތަކުން މީހުންނަށް ގަބޫލު ކުރެވުނަސް މައްސަލައެއް ނެތް ކަމަށާއި އޭނާގެ އަމިއްލަ ނަމުގައި ދެނީ ކުޑަ އެހީއެއް ނަމަވެސް އެ ދެނީ ހިތާއިރު ރޫހުން ހެޔޮ ހިތުން ކަމަށެވެ. އަދި އެ ހަރަދުތަކުގެ ތަފްސީލް ހާމަ ކުރަނީ މީހުންގެ ފަރާތުން ތައުރީފާއި ލޯބި ހޯދަން ނޫން ކަމަށް ބުނެފައިވެ އެވެ.
އޭނާ ބުނީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީވެދެވޭ ކަމުގެ އިހުސާސްވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ. އެކަމަކު ފަންޑުތަކަށް ފައިސާ ހަދިޔާކޮށްގެން ބޭނުން ޖެހިފައިވާ މީހުންނަށް އެހީ ވަގުތަށް ލިބޭނެ ކަމަށް ބަލައިގެން ހުސް އުންމީދެއްގައި ހުންނަން ބޭނުން ނުވާ ކަމަށެވެ.
އަމީތާބު ވަނީ އިންޑިއާ ސަރުކާރުން ހުޅުވާފައިވާ ކޯވިޑް ފަންޑަށް އެހީވެފަ އެވެ. އަދި އަމިއްލަ ހަރަދުގައި ތަކެތި ގެނައުމުގެ އިތުރުން ބައެއް ފިލްމީ ތަރިން ގުޅިގެން ކުރިޔަށް ގެންދާ ކޯވިޑަށް އެހީވުމުގެ ޕްރޮޖެކްޓުތަކަށްވެސް ތަކެއްޗާއި ފައިސާގެ އެހީ އޭނާ ދަނީ ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް