އާރްޔަން ފިލްމީ ދާއިރާއިން ކިޔަވައި ގްރެޖުއޭޓް ވެއްޖެ، އެކަމަކު ފިލްމެއް ނުކުޅޭނެ

ޝާރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން ފިލްމީ ދާއިރާއިން ކިޔަވައި ގްރެޖުއޭޓް ވެއްޖެ އެވެ. އުމުރުން 23 އަހަރުގެ އާރްޔަން ގްރެޖުއޭޓްވީ އެމެރިކާގެ ޔުނިވަސިޓީ އޮތް ސަދަން ކެލިފޯނިއާ (ޔޫއެސްސީ)...

18 May 2021 | 04:10

ޝާރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން ފިލްމީ ދާއިރާއިން ކިޔަވައި ގްރެޖުއޭޓް ވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ އާރްޔަން ގްރެޖުއޭޓްވީ އެމެރިކާގެ ޔުނިވަސިޓީ އޮތް ސަދަން ކެލިފޯނިއާ (ޔޫއެސްސީ) އިން ބެޗްލާ އޮފް ފައިން އާޓްސް، ސިނެމެޓިކް އާޓްސް، ފިލްމު އެންޑް ޓެލެވިޒަން ޕްރޮޑަކްޝަނުންނެވެ. އޭނާ އެމެރިކާއަށް ޔުނިވާސިޓީ ތައުލީމް ހާސިލް ކުރަން މީގެ ހަތަރު އަހަރު ކުރިން ބަދަލުވީ އިނގިރޭސިވިލާތުން ކޮލެޖު ނިންމުމަށް ފަހު އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފިލްމީ ދާއިރާއިން އާރްޔަން ކިޔެވިޔަސް އޭނާ ފިލްމު ކުޅޭކަން ބޭނުމެއް ނުވެ އެވެ. އަދި ބައްޕަ ހޯދާފައިވާވަރުގެ ކާމިޔާބެއް ފިލްމު ކުޅެގެން ހޯދުމަށް އެއްވެސް ޝައުގުވެރިކަމެއް ނުުހުރެ އެވެ.

މީގެ ކުރިން ޝާރުކްވެސް ވަނީ އާރްޔަން ފިލްމީ ކުޅުމަށް ޝައުގުވެރިކަން ނުހުންނާތީ އެކަން މަޖުބޫރުން ކުރުވަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެކަމަކު ކެމެރާގެ ފަހަތުން ފިލްމީ މަސައްކަތްތަކުގައި އޭނާ އުޅޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން އޭނާ އަކީ ވަރަށް ވާހަކަ ލިޔާ ހިތްވާ މީހެއް ކަމުން ފިލްމީ ދާއިރާގައި އެ މަސައްކަތް ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށާއި އަޑުއެޅުމާއި ފިލްމު އުފެއްދުން ފަދަ މަސައްކަތްތައް ކުރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ. އާރްޔަން ވަނީ 2019 ވަނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ލަޔަން ކިންގް" އިންޑިއާގައި ދެއްކި އިރު އެ ފިލްމުގެ ހިންދީ ވާޝަނަށް، ބައްޕައާ އެކު ފިލްމުގެ މައި އެއް ކެރެކްޓާ އަށް އަޑުއަޅައި ފަ އެވެ.

ޝާރުކަކީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ވެރިޔާއަށްވާތީ ރިޕޯޓުތައް ބުނާގޮތުގައި ކުރިއަށް އޮތް ތަނުގައި އެތަން ހިންގުމުގެ ޒިންމާ ނަގާނީ އަރިއަން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެ އެވެ. ރެޑް ޗިލީޒް އަކީ އިންޑިއާގެ އެންމެ ވަރުގަދަ ވީއެފްއެކްސް ޔުނިޓް ވެސް އޮތް ސްޓޫޑިއޯ އެވެ.

އާރްޔަން ފިލްމު ނުކުޅުނަސް ޝާރުކްގެ އަންހެން ދަރިފުޅު ސުހާނާ ހާން ފިލްމީ ތަރިއަކަށް ވާނެ ކަމާއި މެދު ޝައްކު ނުކުރާ ކަމަށް ޝާރުކް ބުނެފައިވެ އެވެ. އުމުރުން 19 އަހަރުގެ ސުހާނާ މިހާރުވެސް ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް