އަހަރެން އެނބުރި އަންނާނަން - ނުވަވަނަ ބައި

ކުރީގެ ޢަދަދާއިގުޅޭ... ވޭތުވެދިޔަ، އެއް އަހަރަކީ، އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް އަހަރެވެ. އެއީ ޒައިދާން އަހަރެންގެ ޙަޔާތް އުފާކޮށްދިނުމުންނެވެ. ކޮންމެ އާ ދުވަހަކަށް އިރު އަރަނީވެސް، ...

17 May 2020 | 22:15

ކުރީގެ ޢަދަދާއިގުޅޭ...

ވޭތުވެދިޔަ، އެއް އަހަރަކީ، އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް އަހަރެވެ. އެއީ ޒައިދާން އަހަރެންގެ ޙަޔާތް އުފާކޮށްދިނުމުންނެވެ. ކޮންމެ އާ ދުވަހަކަށް އިރު އަރަނީވެސް، އަދި އެ ދުވަހެއްގެ އިރުއޮއްސެނީވެސް އަހަރެން ޒައިދާންގެ ލޯބީގައި ފިޔަޖަހަޖަހާ އިންދައެވެ. ކިތަންމެ ބުރަކޮށް ދެމީހުން އުޅުނަސް، އެކަކު އަނެކަކު ދެކެ ވާލޯތްބަށް ކުޑަވެސް ބަދަލެއް އަންނަކަމުގެ އިޙްޞާޞްއެއް އަހަރެންނަކަށް ނުކުރެވެއެވެ.

++++++++++++++++++++

އޭގެ ދެ ހަފްތާފަހެވެ. ޒައިދާން އޮފީހުގައި ވަރަށް ބުރަވާނެ ކަމަށާއި، ރޭގަނޑުވެސް ގެއަށްއައުން ލަސްވެދާނެކަމުގައި އަހަރެންގާތު، ބުންޏެވެ. އަހަރެންނަށް އެއީކީ މާބޮޑު މައްސަލައެއް ނޫނިއްޔާއެވެ.

އެއީ ތެދެކެވެ. ޒައިދާން ބުނިގޮތަށް ޒައިދާން މިހާރު ގިނަވަގުތު އުޅެނީ ބޭރުގައެވެ. ކުރިން ގުޅާވަރަށްވުރެ ގުޅުންވެސް މަދުވެއްޖެއެވެ. ގޭގައި އުޅޭ ވަގުތުތަކުގައިވެސް މިހާރު ވަރަށް ވާހަކަ މަދެވެ. ރޭގަނޑުވެސް ގެއަށް އައިސް އަވަހަށް އޮށޯންނަނީއެވެ. ގެއިން ކެއުންވެސް މަދުވެއްޖެއެވެ. އަހަރެންނަށް މިކަންތައްތަކުން ޙައިރާންކަމެއް ލިބުނެވެ. އަހަރެންނަކީ ދުވަހަކުވެސް ޒައިދާންއަށް ޝައްކުކުރާނެ މީހެއް ނޫނީމެވެ. އެހެނަސް ކޮންމެވެސް ކަމަކާއި ޒައިދާން ކަންބޮޑުވެގެން އުޅެނީ ކަމަށްވެސް ވެދާނެއޭ އަހަރެންހިތަށް އެރިއެވެ.

"ކީއްވެ މިހާރު އެހާ ވާހަކަ މަދީ.. ގެއިން ކާލެއްވެސް މިހާރު މަދުވެއްޖެ!.. ކަމަކާ ކަންބޮޑުވެފަތަ؟. އޮފީސް މާބުރައީމަދޯ؟…" އޮޅުން ފިލުވުމުގެ ގޮތުން އަހަރެންނަށް ބަރިއަކަށް ސުވާލުތަކެއް ކުރެވުނެވެ.

"އާން.. ބުރައީ.." ޒައިދާންގެ ޖަވާބު ވަރަށް ކުރެވެ.

ސޯފާގައި ދެމީހުން ޖެހިޖެހިގެން ތިބިއިރު، ޒައިދާން އިނީ ޓީވީއާއި ދިމާލަށް ބަލާށެވެ. ޖަވާބުދިނީވެސް ހަމަ އެގޮތަށް އިނދެއެވެ. ވުމާއެކު، އަހަރެންނަށް ޒައިދާންގެ މޫނަށް ބަލަން އިރުކޮޅަކު އިނދެވުނެވެ. ޒައިދާން އަހަރެންނާއި ދިމާލަށް ބަލާވެސް ނުލާ، އެހާ ކުރު ޖަވާބެއް އެދިނީ ކީއްވެބާއެވެ. އިތުރު ސުވާލެއް ކުރަން އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ.

"އަލަނާސި ފަންޏެއް ގެނެސްދެންތަ؟" އަހަރެން ޒައިދާންގެ މޫނަށްބަލަން އިނދެ އަހާލީމެވެ.

“ނޫން” މިފަހަރު ޒައިދާންގެ ޖަވާބު އަދި އިހުނަށްވުރެ ކުރެވެ.

އަހަރެންނަށް އަދިވެސް ޒައިދާންގެ މޫނަށް ބަލަން އިނދެވުނެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ޒައިދާންއަކީ، އަލަނާސި ފަންޏަކަށް “ނޫނެކޭ” ބުނާނެ މީހެއް ނޫނެވެ. މިއަދު އެބުނީ “ނޫނެކޭ” އެވެ.

އަހަރެންގެ ޙައިރާންކަން އިތުރުވިއެވެ. އެހެނަސް އެކަން ޒައިދާންއަށް ނޭންގުމުގެ ގޮތުން އަހަރެން ޒައިދާންއާއި ސަމާސާކޮށްލަން ނިންމީމެވެ.

"ހޫން.. ދެން މީނައަކާ ނުވެސް ގުޅޭ ތިހިން އުޅޭކަށް..!" ޒައިދާންގެ އަރިކަށީގައި ގިލިގިލިކޮށްޓާލަމުން އަހަރެން ބުނީމެވެ.

އަހަރެންގެ މަޤްޞަދަކަށްވީ ޒައިދާން ހެއްވާލުމެވެ. އަދި ބަދަލުގައި އަހަރެންނަށް ކޮންމެވެސް 'ގޯނާ' އެއް ކޮށްލާނެކަމަށް އަހަރެންނަށް ހީކުރެވުނެވެ.

ކަންތައްވީ ހީކުރިގޮތާއި ދިމާ އިދިކޮޅަށެވެ.

ޒައިދާން ހަމަވަގުތުން ސޯފާއިން ތެދުވެ، ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އަހަރެންގެ ޙައިރާންކަން އިހުނަށްވުރެ އިތުރުވިއެވެ. އެއީކީވެސް، ޒައިދާން އެހެންޏަކާ އުޅޭގޮތެއް ނޫނެވެ.

+++++++++++++++

އޭގެ އަނެއްދުވަހެވެ. ޒައިދާން އޮފީހަށް ދިޔައީ ސައިވެސް ނުބޮއެއެވެ. އޮފީހުގައި އިންދާ މެސެޖްކުރުމުންވެސް ޖަވާބެއް ނުދިނެވެ. އަހަރެންވެސް ކުލާސް ނިންމާލާފައި އައިސް ޒައިދާންއަށް މީރު ކާއެއްޗެއް ތައްޔާރުކޮށްލުމަށް ނިންމީމެވެ. ޒައިދާން ހިތްހަމަޖެހޭނެ ކޮންމެވެސް ގޮތެއް ފެނޭތޯ މަސައްކަތްކޮށްލުމުގެ ނިޔަތުގައެވެ. ކޮންމެ އިރަކު ގެއަށް އަޔަސް ކައިފާނެކަމުގެ އުއްމީދުގައެވެ. އަހަރެން ޒައިދާންއަށް ޑެވިލްޑް ޗިކަން ތައްޔާރުކުރީމެވެ. އަދި އަންނާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައި އޮތީމެވެ.

ޒައިދާން އެރޭ ގެއަށް އައި އިރެއްވެސް އަހަރެންނަކަށް ނޭނގުނެވެ. އެހެން އޮއްވައި ނިދިފައި، ހޭލެވުނީ ހެނދުނުއެވެ. ކޮޓަރިއަށް ދިޔައިރު ޒައިދާން އުޅެނީ ފާޚާނާގައެވެ. ލަފާކުރެވޭ ގޮތުގައި ނިދާ ހޭލައިގެން ފާޚާނާއަށް ވަނީއެވެ. ސޯފާގައި އަހަރެން ނިދިފައި އޮތްއިރު، އަޅާވެސް ނުލާ، ކޮޓަރިއަށް ދިޔައީތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން އަސްލުގައިވެސް ވަރަށް ދެރަވިއެވެ. އެހެނަސް، މާބޮޑު ކަމަކަށް ނުހަދާ، ޒައިދާންއާއި ވާހަކަ ދެއްކޭތޯ އަނެއްކާވެސް މަސައްކަތްކުރީމެވެ.

" ރޭގަ ކިހާއިރަކު އައީ.. ޒައިދާން އަންނަންދެން ސޯފާގައި އޮއްވާ ނިދުނީ.." ޒައިދާން ފާޚާނާއިން ނިކުމެ ލޯގަނޑު ކައިރީ ހުއްޓުމުން އަހަރެން އެހީމެވެ.

"ގަޑިއެއް ނުބަލަން" ޒައިދާން ކުރުކޮށް ޖަވާބު ދިނެވެ.

"އަޅެ ގޮވާލިނަމަ..ޒައިދާންއަށް ޑެވިލްޑް ޗިކަންވެސް ހަދައިގެން އަހަރެން އޮތީ…ޒައިދާން އަންނަންދެން..އެހެން އޮއްވާ ނިދުނީ.."

"އެހެންތަ؟.. ނިދިފައި އޮތީމަ އަޅާނުލީ.." ޒައިދާން ބޮލުގައި ޖެލްލާ ސްޓައިލްކޮށްލުމަށްފަހު ޖަވާބުދިނެވެ.

"ކިރުތައްޓެއް ގެނެސްދެންތަ؟" އަހަރެން ސުވާލުކުރީމެވެ.

“ނޫން.. ލަސްވެއްޖެ ތަންކޮޅެއް..” ޒައިދާން މިހެން ބުނެފައި އޮފީހަށް ދިޔުމަށް ނިކުމެއްޖެއެވެ. އަހަރެންނަށް އެހުރި ފިޔަވަޅު މަތީ ހުރެވުނެވެ. ޒައިދާން އަބަދުވެސް އޮފީހަށް ދާނީ، އަހަރެންނާއި ކޮންމެވެސް ސަމާސާއެއް ކޮށްލާފައެވެ. އެހެނަސް، އެހުރިހާ ކަމަކަށް މިވަނީ ކުއްލި ހުއްޓުމެއް އައިސްފައެވެ.

މިކަންތައްތަކުން އަހަރެންގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދިގެން ދިޔައެވެ. މިކަމާމެދު ހަދާނެ ގޮތެއް ނުވިސްނުނެވެ. ލީޝާ އާއި ހުވޭއާއިވެސް މިވާހަކަތައް ޙިއްސާ ކުރީމެވެ. އެކަމާއި ޝަކުވާ ނުކޮށް އަދި އިތުރު ވަގުތު ޒައިދާންއަށް ދިނުމަށްވެސް އެމީހުން އަހަރެންނަށް ލަފާ ދިނެވެ.

އަހަރެން ވިސްނާލިއިރު، ޒައިދާން މާސްޓާސް ނިންމުމަށް ހަދަންޖެހޭ 'ފައިނަލް ތީސީސް' ގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށް ޒައިދާން ބުނެފައިވާކަން ހަނދާންވިއެވެ. އަދި އޭގެ މަސައްކަތް އޮފީހުގައި ކުރިއަށްގެންދާކަމަށްވެސް ޒައިދާން އޭގެ ދިހަވަރަކަށް ދުވަސްކުރިން އަހަރެންގާތު ބުނެފައިވެއެވެ. އެއީ އެ އޮފީހުގައި ޒައިދާން އާއި އެކު ހަމަ އެ ކޯސް ހަދާ އެހެން ކުއްޖަކުވެސް އުޅޭތީ ކަމުގައި ޒައިދާން އޭރު އަހަރެންގާތު ބުންޏެވެ. ވުމާއެކު ޒައިދާން ޓެންޝަނަށް ގޮސްފައި އެ ހުންނަނީ، އެކަމުގައި ކަމަށާއި، އަދި ޒައިދާން ބުނިހެން އޮފީހުގައިވެސް ބިޒީކަމުން ކަމުގައި އަހަރެން ނިންމީމެވެ. އަދި އިތުރަށް ޒައިދާން ހިތްހަމަ ޖެއްސޭނެ މަގެއް އޮތްތޯވެސް އަހަރެން ވިސްނަމުން ގެންދިޔައީމެވެ.

++++++++++

ޖެހިގެން އައި ދުވަހެވެ. ޒައިދާން އޮފީހަށްދިޔުމަށް ތައްޔާރުވާން ހުއްޓާ އަހަރެން އެހީމެވެ.

"މިރޭ ތަންކޮޅެއް ކުރިން ނިމޭނެހެން ހީވޭތަ؟.."

" އަދި ނޭނގޭ ބުނާކަށް!.. ކިހިނެތްވީ؟ ޒައިދާން ލޯގަނޑާއި ދިމާލަށް ހުއްޓިހުރެ، ގަމީހުގެ ގޮށްތައް އަޅުވާލަމުން އެހިއެވެ.

"އެއީ… އެއީ މިރޭ ޑިނަރ އަކަށް ގޮސްލަންކަމަށް ދެމީހުން..ޒައިދާން މާ 'ސްޓްރެސް' ވެފައި ހުންނަހެން ހީވާތީ، ގެއިން ބޭރުގައި ދެމީހުން އެއްކޮށް ވަގުތު ހޭދަކޮށްލަންކަމަށް.." ޒައިދާންގެ މޫނަށް ބަލަންހުރެ އަހަރެން ވަރަށް ތަފްޞީލުކޮށް ބުނީމެވެ.

"ނޭނގޭ އަދި!.. އޮފީހަށް ދިޔައީމަ އެނގޭނީ…އަވަހަށް ނިމޭގޮތް ވެއްޖެއްޔާ މެސެޖްކޮށްލާނަށް.." ޒައިދާން ކުޑަކޮށް ޔަޤީން ނުވާ ކަހަލަ ގޮތަކަށް ބުންޏެވެ.

"އާން… އެންމެ ރަނގަޅު!.." އަހަރެންނަށް ކުޑަކޮށް ހިތްހަމަޖެހުމެއް ލިބުނެވެ.

އަހަރެން އެދުވަހު ކުލާހުގައި އިންއިރުވެސް ޒައިދާންގެ މެސެޖަކަށް އިންތިޒާރު ކުރީމެވެ. ގެއަށް އައިފަހުން ހަވީރު ޒައިދާންގެ މެސެޖެއް ލިބުނެވެ. އަދި ތަންކޮޅެއް އިރާކޮޅު އޮފީހުން އާދެވޭނެ ކަމަށް ބުންޏެވެ. އަހަރެންވަރަށް އުފާވިއެވެ.

އެރޭ، އަހަރެމެން ދެމީހުން ރެސްޓޯރެންޓަކަށް ދިޔައީމެވެ. އަދި ދެމީހުން އެކުގައި ވަގުތު ހޭދަކުރުމުގެ އުއްމީދުގައެވެ. އެހެނަސް ކަންތައްވީ ހީކުރިގޮތާއި ޚިލާފަށެވެ. ޒައިދާން އަހަރެންނަކާއި އެއްވެސް ވާހަކައެއް އިސްވެ، ނުދައްކައެވެ. އަހަރެން އެއްޗެއް އަހާލިޔަސް ދިނީ ކުރުޖަވާބެވެ. ގިނަ ވަގުތު އިނީ ފޯނަށް ބަލާށެވެ. އަހަރެން ސީދާ ޒައިދާންގެ ފޯނުގެ ސްކްރީނަށް ސަމާލުކަން ދީގެން ނުބަލާތީ، އަހަރެންނަކަށް ޒައިދާން ކުރަނީ ކީއްކަމެއް ނޭނގެއެވެ. އެރޭވެސް ވެގެން ދިޔައީ މޮޅިވެރި ރެއަކަށެވެ. ހިތްދަތިކަން އިތުރުވި ރެއަކަށެވެ.

+++++++++++++++

ކޮންމެއަކަސް އަހަރެންނަށް އެކަނިވެރިކަން އިޙްޞާޞް ވާން ފަށައިފިއެވެ. ޒައިދާންއާއި އިނދެގެން ހުއްޓަސްމެއެވެ. ކަންބޮޑުވުމާއި، ހިތާމަތަށް ބޮޑުވާން ފަށައިފިއެވެ. ތުއްތައާއި މަންމައާއި މިކަމާއިބެހޭ ގޮތުން މަޝްވަރާކުރާކަށް އަހަރެންނަކަށް އެހާ ފަސޭހައެއް ނުވިއެވެ. ޒައިދާން މަންމަ ގުޅާއިރުވެސް ޒައިދާން ގޭގައި ނޫޅޭވަގުތު ގިނަކަން ޒައިދާން މަންމައަށްވެސް އެނގެއެވެ. އެހެނަސް އަހަރެމެން ދެމީހުންގެ ދެމެދަށް އައިސްގެން އުޅޭ ހަމަހިމޭންކަމުގެ އިޙްޞާޞްތައް މަންމައަށް ރެޔަކާލާހެނެއް ހިޔެއްނުވެއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް