އަހަރެން އެނބުރި އަންނާނަން - އަށްވަނަ ބައި

ކުރީގެ ޢަދަދާއި ގުޅޭ...... އަހަރެންގެ ޙައިރާންކަން އިތުރުވެގެން ދިޔައެވެ. މިއޮތް ހުރިހާ ދުވަހު ތުއްތަ އަހަރެންނާއި ގުޅާވެސް ނުލީ އަހަރެންގެ ނަންބަރު ނޭނގޭތީއެއް ނޫނެވެ. އަހަރެން ދެކެ އިންތިހާއަށް ރުޅި...

16 May 2020 | 21:39

ކުރީގެ ޢަދަދާއި ގުޅޭ......

އަހަރެންގެ ޙައިރާންކަން އިތުރުވެގެން ދިޔައެވެ. މިއޮތް ހުރިހާ ދުވަހު ތުއްތަ އަހަރެންނާއި ގުޅާވެސް ނުލީ އަހަރެންގެ ނަންބަރު ނޭނގޭތީއެއް ނޫނެވެ. އަހަރެން ދެކެ އިންތިހާއަށް ރުޅިއައިސްފައި ހުރުމުންނެވެ. މިހާރު އެ ރުޅިގަނޑަށް ވީ ކީއްހެއްޔެވެ. އަފްސަލް ކޮބައިބާވައެވެ؟ ރާކިން އަކީ ތުއްތަގެ ކާކު ބާއެވެ؟ މިކަހަކަ ޚިޔާލުތަކެއް އަހަރެންގެ ބޮލުގައި އެނބުރެން ފެށިއެވެ.

++++++++++++++++++

އަހަރެން އެނބުރި އަންނާނަން ... 8 ވަނަ ބައި

ހަމައެރޭ ތުއްތަ އަހަރެންނާއި ވައިބަރ އިން ވާހަކަ ދެއްކިއެވެ. އަދި ތުއްތަ މިހާރު އުޅޭ ގެ ކިޔައިދިނެވެ. އަހަރެންނަށް އިންތިޒާރު ކުރާނެ ވާހަކަ ވެސް ބުންޏެވެ.

ތުއްތަ އެދުނުހެން، އެގެއަށް އަހަރެން އެރޭ ދިޔައީމެވެ. ތުއްތައާއި އެހާ ދުވަސްކޮށްފައި ދިމާވުމުން އަހަރެން ވަރަށް އުފާވިއެވެ. ތުއްތަގެ ވާހަކައިން އަފްސަލް ކައިރިން ތުއްތަ ވަރިވި ވާހަކަ އާއި ވަރިވީ، ތުއްތަ އެއްރޭ ޑިއުޓީގައި ހުރެފައި ގެއަށް އައިއިރު ތުއްތަމެން ނިދާ ކޮޓަރީގައި އަންހެންކުއްޖަކު ގޮވައިގެން އޮއްވާ ފެނިގެން ކަން އެނގުނެވެ. އަދި އަހަރެންނާއި ދިމާލަށް އެދުވަހު ތުއްތައަށް އެގޮތަށް ކަންތައްކޮށް ގެއިން ނެރެވުނީތީ، އެކަމާއި ދެރަވެ، ލަދުގަންނަ ކަމުގައިވެސް ބުންޏެވެ.

އަދި އަހަރެންގެ ކޮޓަރިން އަފްސަލްގެ ތަޅުދަނޑިއެއް ފެންނާނީ، އަފްސަލް އަހަރެންގެ ކޮޓަރިއަށް ވަނުމުންކަން ތުއްތަ ޤަބޫލުކުރާ ކަމަށާއި، އެކަމުގައި ތުއްތައަށް އަހަރެން ކުށްވެރި ކުރެވުނީތީ، އެކަމާއި ދެރަވާ ވާހަކަ ބުންޏެވެ. އަދި އަފްސަލްގެ އަސްލު އެނގުނީ މާފަހުންކަންވެސް އަހަރެންގާތު ބުންޏެވެ. އަދި ތުއްތަގެ ސަބަބުން މަންމަ އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާލާފައި ވާތީ، އެކަމާވެސް ދެރަވާ ވާހަކަ ބުންޏެވެ.

އަދި ޑރ. ރާކިން އަކީ މިހާރު ތުއްތަގެ ފިރީމީހާ ކަމާއި، އެ އެޕާޓްމަންޓަކީ އެމީހުން ކުއްޔަށް އުޅޭ އެޕާޓްމަންޓް ކަމަށާއި، ޑރ ރާކިންއަކީ ތުއްތަ ވަޒީފާ އަދާ ކުރާ ހޮސްޕިޓަލްގައި މަސައްކަތްކުރާ ދަތުގެ ޑޮކްޓަރެއް ކަމުގައި ތުއްތަ ބުންޏެވެ. އެވަގުތަކީ ޑރ ރާކިން ޑިއުޓީގަޑި ކަމުން އަހަރެންނާއި ޑރ ރާކިން އާއި އެދުވަހު ދިމަލެއް ނުވެއެވެ. މިހާރު ތުއްތަ ހޮސްޕިޓަލުން ކެނޑުނު ވާހަކައާއި، ޗުއްޓީ ނިންމާފައި މެލޭޝިޔާއަށް ދިޔުމުގެ ކުރިން މަންމަ އާއި ބައްދަލުކޮށްލުމަށް ތުއްތައާއި އެކު ރަށަށް ގޮސްލަން ތުއްތަ އެދުނެވެ. އަހަރެންވެސް އެކަމަށް އެއްބަސް ވީމެވެ. ޒައިދާންގެ ވާހަކަވެސް ތުއްތައެހިއެވެ. އަދި ޒައިދާން ވެސް ގޮވައިގެން ރަށަށް ދާން ޚިޔާލުދިނެވެ.

+++++++++++++++++++++

ތުއްތައާއި ދިމާވި ވާހަކަ އާއި، ކަންތައްވީ ގޮތް އަހަރެން ޒައިދާންއަށް ކިޔާދިނީމެވެ. ޒައިދާން އެދުނީ އަހަރެން ތުއްތައާއިއެކު ރަށަށް ދިޔުމަށެވެ. ކަންތައްތައް ވީގޮތުން ޒައިދާން އަހަރެންގެ މަންމައާއި ހިތްހަމަނުޖެހިފައި ހުރިހެން އަހަރެންނަށް އިޙްޞާޞް ކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. ހިނގާދިޔަ ކަންކަމުގައި މަންމަ އަހަރެންނާއި ދޭތެރޭ ކަންތައް ކުރިގޮތް ޒައިދާނަށްވެސް ފެނުނުތާއެވެ. އަދި އޭރު، އަހަރެން އެކަމާއި ދެރަވެގެން އުޅުމުންވެސް ޒައިދާންއަކަށް އެހާކަމަކު ނުދިޔަކަންވެސް އަހަރެންނަށް އޭރު އެނގުނެވެ.

+++++++++++++++++++

"މިއަދު މަންމަ މިހިރީ ތޮރާ މަސްހުންޏާއި، ރޮށި ހަދާފަ!.." އަހަރެންނާއި ތުއްތަ ސައިބޯން އެރުމުން މަންމަ ބުންޏެވެ.

"ތީ އިފާ އަށް އެންމެ މީރު އެއްޗެހި! ދޯ އިފާ!.." ތުއްތަ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުންޏެވެ.

"އާން… ތެދެއްތީ.! ތުއްތައަށް ހަމަ ނުބައިތަ ތޮރާ މަސްހުނި؟.." އަހަރެން ސުވާލުކޮށްލީމެވެ.

"ނޫން!.. ނުބައެއް ނޫން ދެން! އެކަމަކު އިފާއަށް މީރު ވާވަރަކަށް ތިޔެއް މީރުވާނެހެނެއް ހިޔެއްނުވޭ!.." ތުއްތަ ހެމުން ހެމުން ބުންޏެވެ.

"އިނާއަށް މީރުވާނީ ޑިސްކާއި ރިހާކުރާކަން މަންމަ ހަނދާން އެބަހުއްޓޭ.." މިހެން ބުނުމަށްފަހު ބަދިގެއިން ހޫނު ޑިސްކުތަކަކާއި، ކުޅިކޮށްފައިހުރި ރިހާކުރު ތައްޓެއް، މަންމަ ގެނެސް މޭޒުމަތީ ބެހެއްޓިއެވެ.

"އާޗާ… މަންމަ ވަރެއް ހަމަނެތް!.." މިހެން ބުނެފައި ތުއްތަގޮސް މަންމަގައިގައި އޮޅުލައިގަތެވެ.

އެއީ އަބަދުވެސް މަންމަކައިރީ ތުއްތަ އުޅޭ ގޮތެވެ. އަހަރެންނަކަށް މަންމައާއި އެހާ ގާތްކޮށެއް ނޫޅެވެއެވެ. ލޯބި ނުވާތީކީ ނޫނެވެ. އަހަރެންގެ މިޒާޖު ތުއްތައާއި ތަފާތުވެފައި، މަންމަވެސް އަހަރެންނާއި އެހާ ގާތްގޮތެއް ހުންނަހެން އަހަރެންނަށް އެއްއިރެއްގައިވެސް އިޙްޞާޞް ނުވާތީ، އަހަރެންނަށް މަންމައާއި ގައިގޯޅިވެ އުޅެން ޖެހިލުން ވަނީއެވެ.

އެދުވަހު، އަހަރެންނާއި، މަންމައާއި، ތުއްތަ، އެއްސުފުރާއެއްގައި ސައިބުއީމެވެ. އެކި އެކި ވާހަކަތައް ދައްކަމުންނެވެ. ރާކިންގެ ވާހަކަ، ތުއްތަ ކައިރީއެހުމަށްފަހު، މަންމަ، ޒައިދާންގެ ވާހަކަވެސް އަހަރެންގާތު އެހިއެވެ. ނުގެނައީ ކީއްވެތޯވެސް ސުވާލުކުރިއެވެ. ޒައިދާން ބައްޕައާއި އެކު ވިޔަފާރިއާއި ގުޅޭ ކަންތަކުގައި ބުރަކޮށް އުޅޭތީ، ނާދެވުނީ ކަމުގައި އަހަރެން ބުނީމެވެ.

އަހަރެންނާއި ތުއްތަ، ރަށުގައި ފަސް ދުވަސް ހޭދަކުރުމަށްފަހު އެނބުރި މާލެ އައީމެވެ. ރަށުގައި ހޭދަކުރި މަދު ދުވަސްކޮޅު އުފާވެރިއެވެ. މަންމައާއި ތުއްތައާއިއެކު ވަގުތު ހޭދަކުރެވުނެވެ. ބައްޕަވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކިއެވެ.

އަހަރެން އުފާވެފައި ހުރުމުން، ޒައިދާން ވެސް އުފާވިއެވެ. މާލޭގައި އިތުރު ދެ ދުވަސް، ހޭދަކުރުމަށްފަހު، އަހަރެންނާއި ޒައިދާން އެނބުރި މެލޭޝިޔާއަށް ދިޔައީމެވެ.

++++++++++++++++++++++++

ކުރިއެކޭވެސް އެއްގޮތަށް އަހަރެމެންގެ ޝެޑިއުލް ފެށުނެވެ. ޒައިދާން ކިޔަވަންގޮސް، ވަޒީފާއަށް ވެސް ދާން ފެށިއެވެ. އަހަރެންވެސް އާދައިގެ މަތިން ކޯހަށްދާން ފެށީމެވެ. ޒައިދާންގެ މަންމަ ގުޅާ ގޮތަށް، އަހަރެންގެ މަންމަވެސް، ތުއްތަވެސް ވައިބަރ އިން އަހަރެންނަށް ގުޅާ ހަދަންފެށިއެވެ. އަހަރެން ވަރަށް އުފާވިއެވެ. ޒައިދާން އާއި އަހަރެންގެ ދިރިއުޅުން އިހުނަށްވުރެ އުފާވެރިވި ކަމުގެ އިޙްޞާޞްތައް އަހަރެންނަށް ކުރެވެން ފެށިއެވެ.

ދުވަހަކީ، އަހަރެންނާއި ޒައިދާންގެ ކައިވެންޏަށް އެއް އަހަރު ފުރުނު ދުވަހެވެ. މެލޭޝިޔާގެ ރީތި ރިސޯޓަކަށް އަހަރުމެން ދިޔައީމެވެ. އަދި އެތަނުގައި ދެރޭ ދެދުވާ ހޭދަކުރީމެވެ. ޒައިދާން އަހަރެންނަށް މާބޮނޑިއަކާއި ކޭކެށްވެސް ދިނެވެ. އަދި ހަދިޔާއަށް އެތަށް ބައިވަރު ތަކެތި ދިނެވެ. އަހަރެން ބައެއްފަހަރު ޖެހިލުންވެއeވެ. އަހަރެންނަށް އަބަދު އުފަލުގައި މިހެން އުޅެވޭނެބާއޭ ހިތަށް އަރާފައެވެ.

ވޭތުވެދިޔަ، އެއް އަހަރަކީ، އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް އަހަރެވެ. އެއީ ޒައިދާން އަހަރެންގެ ޙަޔާތް އުފާކޮށްދިނުމުންނެވެ. ކޮންމެ އާ ދުވަހަކަށް އިރު އަރަނީވެސް، އަދި އެ ދުވަހެއްގެ އިރުއޮއްސެނީވެސް އަހަރެން ޒައިދާންގެ ލޯބީގައި ފިޔަޖަހަޖަހާ އިންދައެވެ. ކިތަންމެ ބުރަކޮށް ދެމީހުން އުޅުނަސް، އެކަކު އަނެކަކު ދެކެ ވާލޯތްބަށް ކުޑަވެސް ބަދަލެއް އަންނަކަމުގެ އިޙްޞާޞްެއެއް އަހަރެންނަކަށް ނުކުރެވެއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް