ކ. ތުލުސްދޫއިން ފުރައިގެން ލ. ގަމަށް ދަތުރު ކުރަމުން ދިޔަ ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަމް އާދަމް އާޒިމް ވިދާޅުވީ ސެނޯކް ޕްރައިވެޓް ލިމިޓެޑްގެ މި ކޮޅުވެއްޓި އެ ރަށަށް ދާން ފުރާފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އަދި އޭގައި ހަ މީހުން ތިބޭނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށެވެ. ދިވެހި ދެމީހުންނަކީ ދެމަފިރިން ނެވެ.
ދިގުމިނުގައި 168 ފޫޓު ހުންނަ "މާރިޔާ 3" ނަމަކަށް ކިޔާ މި ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު އެވެ.
މި އުޅަނދުގެ ހަލްގައި ލާފައި ވަނީ ފެހި ކުލައިގެ ދަވާދެވެ. އަދި ކޮޅުވެއްޓީގެ ފަހަތުގައި ހުދު ކުލަ ލާފައިވާ ވީލްހައުސްއާ އެކު، މަތީގައި ރަތް ދަވާދެވެ.
މީގެ އިތުރުން މިރޭ ވަނީ ގދ ތިނަދޫ ކައިރީގައި އޮންނަ ފަރަކަށް 21 މީހުންނާއި އެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް އަރާފައި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާއިރު ދޯނިން ދިޔަ ހިއްކުމުގައި އެހީތެރިވަމުންނެވެ.
ހުޅަނގު މޫސުން ފެށިގެން ކުރަމުން މިދާ ވިއްސާރައިގަ ބޮޑެތި ގެއްލުންތަކެއް ރަށްތަކަށް ވަމުންދާއިރު މިއަދު ވަނީ އދ. ހަންޏާމީދޫ ކައިރިއަށް ކަންނެލި މަސް ދޯންޏެއް އަޑިއަށް ގޮސްފައި އެވެ. އޭގައި ތިބި ހަ މީހުން ވަނީ ސަލާމަތް ކުރެވިފައި އެވެ.
އެމްއެންޑިއެފް އާއި މެޓް އޮފީހުން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް