ދުނިޔޭގެ ބާޒާރުގައި އެންމެ ކުރީގައި އުޅޭ މޭވާ ޖޫސް "މިނިޓް މެއިޑް" ބްރޭންޑްގެ ޖޫސް ކޮކާ ކޯލާ ކޮމްޕެނީން މިއަދު ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
މިއަދު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޖޫސް ރާއްޖެއަށް ތައާރަފުކޮށްދެއްވީ ޗީފް ސްޕްރިޑެންޓެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ އެވެ.
ކޮކާ ކޯލާ ކުންފުނިން މިއަދު ރާއްޖެއަށް ތައާރަފު ކުރީ 290 އެމްއެލްގެ ފުޅި ކަމަށެވެ. ކުރިޔަށް އޮތްތާ މިއަށްވުރެ ބޮޑެތި ސައިޒުގެ ފުޅި ތައާރަފު ކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.
މިއަދު ތައާރަފު ކުރީ އޮރެންޖާއި މިކްސް ފްރުޓެވެ. މީގެ ތެރެއިން އޮރެންޖު ޖޫސް ފުޅީގައި އަނގައިގަ ޖެހޭވަރަށް ކުދިން ކޮށާފައި ހުންނަ އޮރެންޖު ހުރެ އެވެ. މިކްސް ފްރުޓުގައި ހިމެނެނީ އަލަނާސި އާއި އޮރެންޖު އަދި މޭބިސްކަދުރާއި ފޭރެވެ.
ކޮކާ ކޯލާ ކުންފުނިން މިނިޓް މެއިޑް ޖޫސް ފުޅިއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 12 ރުފިޔާ އަށެވެ. އެ ކުންފުނިން ބުނީ މި ދުވަސްވަރު މި ޖޫސް ތައާރަފު ކުރުމުގެ ބޭނުމަކީ މި ޖޫހުގައި އެކުލެވޭ މޭވާގެ ގުދުރަތީ ރައިގެ ސަބަބުން ރޯދަ ވީއްލާ ގަޑީގައި ބުއިމަށް މިނިޓް މެއީދް އަކީ އެންމެ ރަނގަޅު ބުއިމަށް ވާތީ ކަމަށެވެ.
ގިނަ މޭވާތަކަކުން ލިބޭ ފައިދާތައް އެއް ފުޅިން ލިބޭ ގޮތަށް މިނިޓް މެއިޑް ޖޫސް އުފައްދާތާ 60 އަހަރުވެއްޖެ އެވެ. އެއީ މޭވާ ޖޫސް ތައްޔާރުކުރާ އެންމެ ބޮޑު ކުންފުޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް