ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް އުދައެރުމުގެ ފުރުޞަތު އެބައޮތްކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މިހާރުކުރަމުންދާ ވިއްސާރާގައި އާދަޔާ ޙިލާފަށް ވައިބާރުވެ، ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ވައިޖެހޭ މިސްރާބުގެ ގޮތުން އުދައެރުމުގެ ފުރުޞަތު އެންމެ ބޮޑުކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށްކަމަށް އެ ސެންޓަރުން މަޢުލޫމާތުދެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރާއި ހަފްތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވަރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މަޢުލޫމާތުދެ އެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު ގދ. ނަޑެއްލާއާއި ތ. އޮމަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައިވާކަމަށްވެސް މަޢުލޫމާތު ލިބެ އެވެ. އޮމަދޫގެ ފަސް ގެޔަކަށް ފެންވަދެފައިވެ އެވެ. ފުލުހުންނާއި ސިފައިން ގުޅިގެން މި ރަށްރަށުގައިވެސް ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫއަށް ރޭ ނަގޫ ރޯޅިއެއް އަރާ އެރަށުގެ ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެ ރަށުގެ 12 ގެއެއްގެ ފުރާޅުގެ ޓިނު އެއްލާލާފައިވެ އެވެ. އައްޑޫ ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު އެ ގެތަކުގެ މީހުނަށްވަނީ ބޯހިޔާވަހިކަން ހޯދާދީފަ އެވެ. އެ ގެތަކުގެ ފުރާޅު އެޅުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު މިހާރުދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް