އެންސްޕާގެ ސީއީއޯ މުޖުތަބާ ވަކިކޮށް އެމަގާމަށް އައްޒާމް އައްޔަން ކުރައްވައިފި

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އައްޒާމް އެ މަގާ...

18 May 2017 | 09:21

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އައްޒާމް އެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވީ މިއަދު ކަމަށެވެ. އަދި ކުރިން އެ މަގާމުގައި ހުންނެވި މުޖުތަބާ ޖަލީލް އިކޮނޮމިކް މިނިސްޓަރުގެ ނައިބުގެ މަގާމަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މުޖުތަބާ އެ މަގާމުން ވަކިކުރީ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލި މައްސަލައިގަ ކަމަށެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ  ކުއްލި ގޮތަކަށް އާސަންދައިގެ ހިދުމަތް އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނުން ކަނޑާލީ ސަރުކާރާ މަޝްވަރާ ނުކޮށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައިވެ އެވެ. އަދި ސަރުކާރުން އާސަންދަ އޮފީހަށް އެންގީ ހަރަދު ކުޑަ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށާއި އަމިއްލަ ތަންތަނުން ސިއްހީ ދުމަތް ހޯދާ މީހުން އާސަންދައިން ބާކީ ކުރުމަށް ނުވަތަ ވަކި ގޮތްތަކެއް ކަނޑައެޅުމަށް ނޫން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެންސްޕާގެ ސީއީއޯގެ މަގާމަށް މުޖުތަބާ ހަމަޖައްސާފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް