މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަ ފަރާތަކަށް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަހަރު ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން 500 ކޯޓާ ދިނުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނަށް ކަމަށެވެ. އަދި ބާކީ 500 ކޯޓާ، 100 ކޯޓާގެ މަގުން އަމިއްލަ ފަސް ކުންފުންޏަށް ދޭން ނިންމާފައިވާ ކަމަށެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއި އަގުތައް
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން - 69,000 ރުފިޔާ
ދަރުމަ ލިލްހައްޖި ވަލްއުމްރަތި ޕްރައިވެޓު ލިމިޓެޑް - 69،965 ރުފިޔާ
އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑް - 69،965 ރުފިޔާ
ކިސްވާ ޕްރައިވެޓް ލިމިޓެޑް - 69،500 ރުފިޔާ
ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕު ޕްރައިވެޓް ލިމިޓެޑް - 69،969 ރުފިޔާ
އަދި ޒައީ ހައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް - 69،965 ރުފިޔާ އެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ މީގެ ތެރެއިން ކިސްވާ ހައްޖު ގްރޫޕު، ދަރުމަ ލިލްހައްޖި ވަލްއުމްރަތި ގްރޫޕަކީ މިއަހަރު މުޅިން އަލަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ދެ ކުންފުނި ކަމަށެވެ. އޭނާ ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިތުރު 1،000 ކޯޓާ ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
އަހުސަން ވިދާޅުވީ މިދިޔަ އަހަރުތަކުގައި ކޯޓާ އިތުރުކޮށްދެއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށެވެ.
ހައްޖަށް މީހުން ގެންދިއުމަށް އެދި 15 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ.
އޭގެ ތެރެއިން ބައެއް ކުންފުނިތައް ނުހޮވުނީ ޓެކްސް ނުދައްކާ އޮތުމާއި، ޒަކާތް ނުދައްކާ އޮތުމާއި، ބޭންކް ގެރެންޓީ އާއި ކުށުގެ ރިކޯޑު ފުރިހަމަ ނުވެ ހުރުމުންނެވެ. އަދި އޮޑިޓް ކުރުމުގައި ހުރި މައްސަލަތަކާއި އޭގެ ތެރެއިން ކުންފުންޏެއްގެ ވެރިއަކު ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކާކަމަށް ބޭންކުން އަންގާފައިވާތީ ކަމަށް ހައްޖު ޕްރޮޕޯސަން އިވެލުއޭޝަން ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުމަށް ޕްރޮޕޯސަލް އިވެލުއޭޓް ކުރި ކޮމިޓީގައި ހިމެނިވަޑައިގެންނަވަނީ ފަސް މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް