ކުޑަކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓުކުރުމަށް ގާއިމުކޮށްފައިވާ ހެލްޕްލައިން 1412 އަށް މިއަހަރުގެ މިހާތަނަށް 171 ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.
އިއްޔެ ފާހަގަ ކުރި ބައިނަލް އަގުވާމީ ޗައިލްޑް ހެލްޕްލައިން ދުވަހާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ރިޕޯޓުތަކުގެ ތެރެއިން 66 ރިޕޯޓު ކޮށްފައިވަނީ މިދިޔަ އެޕްރީލް މަހު ކުޑަކުދިން އަމިއްލައަށް ގުޅައިގެން ކަމަށެވެ. އަދި އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަމަށެވެ.
އިތުރަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމާއި، ޖިސްމާނީ އަނިޔާ، ނަފްސާނީ އަނިޔާ އަދި ހަނގާ ކުރުމުގެ މައްސަލަތަކެއް ހިމެނެ އެވެ.
ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ހެލްޕްލައިނުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، ކޯލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހެލްޕްލައިނަށް ރިޕޯޓުކުރާ މައްސަލަތަކުގައި ހަރަކާތްތެރިވާ މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއް ކުރިޔަށް ދެންދާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ 2009 ވަނަ އަހަރު ރާއްޖޭގައި ގާއިމުކުރި "1412" ހެލްޕްލައިން މެދުވެރިކޮށް، އަނިޔާއާއި އިހުމާލުގެ މައްސަލަތަކުގައި އެހީތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނަށް ހިދުމަތް ފޯރުކޮށްދެމުން ދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް