އަޖޭ އާއި ކާޖޮލް ޗުއްޓީއަށް ރާއްޖެ އަންނަނީ

ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ގެ އާއިލާ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައުމަށް ނިންމައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އަޖޭގެ އާއިލާ ޗުއްޓީއަށް ރާއްޖެ އަންނާނީ މިމަހުގެ 28 ވަނަ ދުވަހުގައި ...

18 May 2017 | 02:30

ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ގެ އާއިލާ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައުމަށް ނިންމައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަޖޭގެ އާއިލާ ޗުއްޓީއަށް ރާއްޖެ އަންނާނީ މިމަހުގެ 28 ވަނަ ދުވަހުގައި އެވެ. އަދި 10 ނުވަތަ 12 ވަރަކަށް ދުވަސް ރާއްޖޭގައި ހޭދަ ކުރާނެ ކަމަށް ވެ އެވެ. މިހާރު ރިސޯޓު ބުކިން ހައްދާ ނިމި ހުރިހާ ތައްޔާރީތަކެއްވެސް ވެފައިވާ ކަމަށްވެ އެވެ. އެކަމަކު އެ އާއިލާ ޗުއްޓީ ހޭދަ ކުރާނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.

އަޖޭ އާއި އެކު މި ދަތުރުގައި އަންހެނުން ކާޖޮލް ދޭވްގަން އަދި ދެ ކުދިން ކަމަށްވާ ނީސާ އާއި ޔަގް ބައިވެރިވާނެ އެވެ. އަދި އަޖޭގެ ކޮއްކޮމެން ކަމަށްވާ ނީލަމް އާއި ކަވީތާގެ އާއިލާ މި ދަތުރުގައި ބައިވެރިވާނެ އެވެ.

ދާދިފަހުން އަޖޭ ވަނީ މެދުކެނޑުމެން ނެތި ފަސް މަސްވަންދެން މަސައްކަތް ކުރުމުން ޗުއްޓީއެއް ބޭނުންވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. އަޖޭ ޗުއްޓީއަށް ރާއްޖެ އަންނަން ނިންމާފައިވަނީ އޭނާ މިހާރު ޝޫޓް ކުރަމުންދާ "ގޯލްމާލް އަގެއިން" ގެ މަސައްކަތް ނިންމާލުމަށް ފަހު އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައި ބުނާގޮތުން ރާއްޖެ އަކީ މިހާރު ބޮލިވުޑް ތަރިންގެ މެދުގައި ޗުއްޓީ ހޭދަ ކުރުމަށް އެންމެ މަގުބޫލު އެއް މަންޒިލެވެ. އެއީ ފަހަކަށް އައިސް ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަ ތަރިން ގިނަވުމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ބޮލީވުޑް ތަރިންގެ ތެރޭގައި ސަލްމާން ހާން އާއި އޭނާގެ އާއިލާ، އާލިއާ ބަޓް އާއި އާއިލާގެ އިތުރުން މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން އާއި ކުދިން ހިމެނެ އެވެ. އެމީހުން ވަނީ ރާއްޖޭގެ ރީތި ކަމަށް ވަރަށް ތައުރީފުކޮށްފައ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް