މިހާރު ކުރަމުންދާ ވިއްސާރައިގަ އައްޑޫ ސިޓީ ހިތަދޫ ދެކުނު ފަރާތަށް ނަގޫރޯޅިއެއް އަރައި 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހާކަށް ގެއްލުން ނުވި ނަމަވެސް އެ ގެތައް މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހަ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން ގެ އެއްގެ މައްޗަށް ބޮޑު ދެ ގަސް ވެއްޓުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ގޭގޭގެ ފާރުވެސް ވަނީ ވެއްޓިފައި އެވެ. އަދި ފުރާޅު އެއްލާލުމުގެ ސަބަބުން ގޭގޭގެ ސީލީނގުވެސް ވެއްޓިފަވެ އެވެ.
އާޒިމް ވިދާޅުވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ އެ ގެތަކުގެ ފުރާޅު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އިތުރު ގެއަކަށް ގެއްލުންވެފައިވޭތޯ ބަލަމުން ދާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު މޫސުން ފެށުމާއި ގުޅިގެން މުޅި ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގަ އާދަޔާ ހިލާފަށް ވައި ގަދަވާނެ ކަމަށެވެ. އެގޮތުން ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މިހާރުވެސް މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. ވައިޓް އެލާޓަކީ ރައްކާތެރިވުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން ނެރޭ އެލާޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް