ބޯޓެއްގައި ތިބި ބަޔަކަށް ބިރު ދައްކައި ބޯޓު އަންދާލާނެ ކަމުގެ އިންޒާރު ދިން މީހަކު ޖަލަށް

"ކޮންކޯޑް އެކްސްޕްރެސް” ގައި ތިބި ބަޔަކަށް ވަޅިން ބިރު ދައްކައި އެ ބޯޓް އަންދާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ޖަލަށް ލުމަށް މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ޚުކުމް ކޮށްފިއެވެ....

18 May 2015 | 09:10

"ކޮންކޯޑް އެކްސްޕްރެސް” ގައި ތިބި ބަޔަކަށް ވަޅިން ބިރު ދައްކައި އެ ބޯޓް އަންދާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ޖަލަށް ލުމަށް މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ޚުކުމް ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން 01 އަހަރާއި 06 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ޚުކުމް ކޮށްފައި ވަނީ ނ.ވެލިދޫ، ވީނަސް ޙައްސާން ޢަލީ (23އ) ގެ މައްޗަށެވެ.

ޙައްސާން ޢަލީގެ މައްޗަށް ޚުކުމް ކޮށްފައިވަނީ “ކޮންކޯޑް އެކްސްޕްރެސް” މާލެއިން ނ.ވެލިދުއަށް ކުރަމުންދިޔަ ދަތުރުމަތީގައި 2012 އޭޕްރީލް 05 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު، އެ ބޯޓްގެ ވީލްހައުސް ތެރޭގައި ބަޔަކު ތިއްބާ، ޙައްސާން އަލީ 08 އިންޗި ދިގުމިނުގެ ވަޅިއެއް ހިފައިގެން ވީލް ހައުސް ތެރެއަށް ވަދެ މީހެއްގެ ކަރުގައި ވަޅި ޖައްސަފައި ވާތީ އާއި ވީލް ހައުސްތެރޭގައި ތިބި ބައެއްގެ ދުވަސް ދުއްވާލާނަމޭ އަދި އެ ބޯޓް އަނދާލާނޭ ކަމަށްބުނެ އިންޒާރު ދިން މައްސަލާގައި ދަޢުލަތުން ކުރި ދަޢުވާ ޙައްސާން ޢަލީގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

ދަޢުލަތުން ޙައްސާން ޢަލީގެ މައްޗަށް ކުޅަ ބިރުދެއްކުމުގެ ކުށުގެ މި ދަޢުވާއަށް ޝަރީޢަތުން ނަޛަރުކުރާއިރު، އެއްވެސް މީހަކަށް ބިރުދައްކާފައި ނުވާނެ ކަމަށާއި، ނަމަވެސް ޒުވާބުކޮށް ހަޑިއެއްޗެހި ކިޔާފައިވާނެ ކަމަށް ބުނެ ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާގެ އަޞްލަށް ޙައްސާން ޢަލީ އިންކާރު ކޮށްފައިވީ ނަމަވެސް ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޙައްސާން ޢަލީ މީހަކާ ދިމާލަށް ވަޅި ދިމާކޮށްފައިވާކަން  އެނގޭކަމަށާއި، އަދި ހެއްކެއްގެ ހެކިބަހުން އެ މީހާގެ މޭގައި ޙައްސާން ވަޅި ޖައްސައި ހަރާލާނެ ކަމަށްބުނެ އިންޒާރު ދީފައިވާކަން އެގެން އޮންނާތީއާއި ގުޅިފައިވާ ހެކިބަސްތަކަށް ބަލައި، ދަޢުލަތުން ޙައްސާން ޢަލީގެ މައްޗަށް އުފުލައިފާވާ ބިރު ދެއްކުމުގެ ކުށުގެ ދަޢުވާ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާފަދައިން ޝަރީއަތަށް ސާބިތުވާކަމަށެވެ.

މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި (ނ) އާ ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން 06 މަސް ދުވަހުގެ މުއްދަތަށް އަދި ހަމަ އެ ޤާނޫނުގެ 02 މާއްދާގެ (ޅ) ގެ ދަށުން 01 އަހަރު ދުވަހަށް، އެކު ޖުމްލަ 01 އަހަރާ 06 މަސް ދުވަހުގެ މުއްދަތަށް ޙައްސާން ޢަލީ ޖަލަށް ލުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމްގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް