މަޝްވަރާ ކުރާނެ ދާއިރާތަކާއި މަންދޫބުން ސަރުކާރުން ކަނޑައަޅައިފި

ސިޔާސީ އިދިކޮޅު ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާކުރަން ބޭނުންވާ މައިގަނޑު ތިން ދާއިރާއަކާއި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާނެ މަންދޫބުން ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވައިފި އެވެ. ރައީސް އޮފ...

18 May 2015 | 07:15

ސިޔާސީ އިދިކޮޅު ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާކުރަން ބޭނުންވާ މައިގަނޑު ތިން ދާއިރާއަކާއި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާނެ މަންދޫބުން ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އިދިކޮޅު ޕާޓީތަކަށް ރައީސް ޔާމީން މިދިޔަ ހަފުތާގައި މަޝްވަރާގެ ފުރުސަތު ހުޅުއްވާލެއްވީ ގައުމުގެ ހަމަޖެހުމަށާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރަން ސަރުކާރުން ބޭނުންވާތީ ކަމަށެވެ. އެ ފުރުސަތު ހުޅުވާލިއަސް ޕާޓީތަކުން ރަސްމީ ޖަވާބެއް ދީފައި ނުވާތީ، މަޝްވަރާގެ ހާއްސަ ދައުވަތު އިދިކޮޅު ޕާޓީތަކަށް ރަސްމީކޮށް މިއަދު ސަރުކާރުން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވި ގޮތުގައި ޕާޓީތަކަށް ފޮނުވި ސިޓީގައި، މަޝްވަރާކުރަން ބޭނުންވާ މައިގަނޑު ދާއިރާތަކުގެ ތަފްސީލް ވަނީ ހިމަނައިފަ އެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ތިފުރަތަމަ ދާއިރާއަކީ ސިޔާސީ ގޮތުން މިހާރު އުފެދިފައިވާ ނުތަވަސްކަމާއި ހިޔާލުތަފާތުވުންތަކަށް ގާނޫނީ ނިޒާމްގެ ތެރެއިން ހައްލުތަކެއް ހޯދައި ރައްޔިތުންގެ އެއްބައިވަންތަކަމާ ގުޅޭގޮތުން އެކުގައި މަސައްކަތް ކުރުންކަމަށް ވިދާޅުވި އެވެ.

ދެ ވަނަ ކަމެއްގެ ގޮތަށް ސަރުކާރުން ހުށަހެޅީ، ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގުމަށް ރާއްޖޭގެ ދުސްތޫރީ ނިޒާމާއި ގާނޫނީ އަދި ޝަރުއީ ނިޒާމް ހަރުދަނާކުރަން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން އެކުގައި މަސައްކަތް ކުރުމެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ސަރުކާރުން ހުށަހެޅީ ގައުމު ބިނާކޮށް ގައުމާއި ރައްޔިތުންގެ ތަރައްގީއަށް އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމުގައި ސިޔާސީ ހުރިހާ ފިކުރުތަކަކުން އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރުމެވެ.

މި މަޝްވަރާތަކުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެމްޑީޕީއާ އެކު މަޝްވަރާކުރައްވާނެ މަންދޫބުން ގޮތުގައި ކަނޑައެޅުއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.

ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާ އެކު މަޝްވަރާކުރައްވާ މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މަޝްވަރާގެ ދައުވަތު ރައީސް ހުޅުއްވާލެއްވުމާއެކު އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ މަޝްވަރާ އަށް ޝަރުތުތަކެއް ކުރިމަތިކޮށްފަ އެވެ. އެއީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން މެއި އެކެއް ގެ މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމެވެ.

މުއާޒް ވިދާޅުވިގޮތުގައި އިދިކޮޅު ފަރާތްތަކުން މީޑިއާގައި ޝަރުތުތަކެއްގެ ވާހަކަ ދެއްކި ނަމަވެސް މިހާތަނަށް ރަސްމީކޮށް ސަރުކާރަށް އެއްވެސް ޝަރުތެއް ހުށަހަޅާފައެއް ނުވެ އެވެ.

ސަރުކާރާ ދެކޮޅަށް މެއި 1 ގައި އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބޭއްވުމުގެ ކުރިން ރައީސް ޔާމީން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އިމްރާން ތަކުރާރުކޮށް ގޮވާލެއްވި އެވެ. އެ ގޮވާލެއްވުމަށް ރައްދު ދެއްވައި، ރައީސް ވިދާޅުވެފައި ވަނީ ގާނޫނީ އިމުން ބޭރުން ސަރުކާރުން ކަންކަން ކުރަން ގޮވާލާ ގޮވާލުންތަކާ ގުޅިގެން މަޝްވަރާ ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް