މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހަމަނުޖެހުން އުފައްދައި އަމާންކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް، ސޮބާހު ރަޝީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
މިއަދު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ސޮބާހު ރަޝީދު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ "މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި" ކަން އެ ކޯޓުން ކޮށްފައިވާ ހުކުމުން އެގޭ ކަމަށެވެ.
އަދި ސޮބާހު ރަޝީދު ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާ ވާނެ ގޮތް ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއިންނާއި ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓުންނާއި މޭޑޭގެ މުޒާހަރާގައި ސޮބާހު ރަޝީދު ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.
ސޮބާހު ރަޝީދު ބަންދަށް ފުލުހުން ޖެހި 15 ދުވަހުގެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ.
އޭނާގެ އިތުރުން މޭޑޭގެ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ވަނީ ފުލުހުންގެ ބަންދުގަ އެެވެ. އެދެ ބޭފުޅުންގެ ފަރާތުން ވެސް ހައިކޯޓުގައި ބަންދު އިސްތިއުނާފު ކުރި ނަމަވެސް ހައިކޯޓުން ވަނީ އިމްރާނާއި އަލީ ވަހީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް