މި މަހުގެ އެކެއް ގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ބަންދުކޮށްފައި ތިބި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޑޮކްޓަރަށް ދެއްކުމަށް މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.
އެ ދެ ބޭފުޅުން ޑޮކްޓަރަށް ދެއްކުމަށް ގެންގޮސްފައި ވަނީ މެޑިކާ ހޮސްޕިޓަލަށެވެ. އެކަމަކު ޑޮކްޓަރަށް ދައްކާ ސަބަބު އަދި ސާފެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އިމްރާނާއި އަލީ ވަހީދު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފައި ވާއިރު، ބަންދުގައި ހުންނަވަނިކޮށް މީގެ ކުރިން ތިން ފަހަރަކު އަލީ ވަހީދު ޑޮކްޓަރަށް ދައްކާފައިވެ އެވެ. އެންމެ ފަހުން، މިދިޔަ އަންގާރަ ދުވަހު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މައިބަދައިގެ އެމްއާރުއައިއެއް ހެދުމަށެވެ.
މޭޑޭގެ މުޒާހަރާގެ ތެރެއިން މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ އިމްރާން އަބްދުﷲ ފުލުހުންގެ ބަންދަށް ގެންދެވި ފަހުން އޭނާ މިހާތަނަށް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައެއް ނުވެ އެވެ.
އިމްރާނާއި އަލީ ވަހީދަށް ކުރިން ޖަހައިދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިއްޔެ އިތުރުކޮށްދީފަ އެވެ. އެ ގޮތުން، އަލީ ވަހީދަށް އިތުރު ހަތް ދުވަސް އަދި އިމްރާނަށް އިތުރު 10 ދުވަސް ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް