ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން މާދަމާ (2025 އޭޕްރީލް 19 ވަނަ ދުވަހު)، މާލޭގައި އޮންނާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މާދަމާ ހަވީރު 04:15 ހާއިރު ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ލަޝްކަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެކަމަށާއި އަދި، ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.
"މިގޮތުން މި ހިނގާލުމުގައި ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކަކީ، އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށާއި މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް