ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހިޔާޓަވަރު 2 ގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު އާއި މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާގޮތުގައި މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މަޝްރޫއު ނިމޭއިރު ޖުމުލަ 32 ލިފްޓް ހިޔާ ޓަވަރުތަކުގައި ހަރުކުރެވޭނެއެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖަރ ލިފްޓަކާއި، ސްޓްރެޗަރ ލިފްޓެކެވެ.
ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕް އާއެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ކަނޑައެޅިފައިވާކަމަށް އެޗްޑީސީއިން ބުނެއެއެވެ.
މި މަޝްރޫއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެކަމަށް އެޗްޑީސީއިން ދެކެއެވެ.
އެޗްޑީސީއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް