ޖަމިއްޔާއެއް އުފެއްދުމުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަދި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑު ކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އިސް މެޖިސްޓްރޭޓ...

18 Apr 2022 | 18:18

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަދި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑު ކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އިސް މެޖިސްޓްރޭޓް އާދަމް ސަސްޕެންޑު ކުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށެވެ. އެ އަމަލަކީ އަލީ އާދަމް ޖަމިއްޔާއެއް އުފައްދައި، އެކަމުގައި ހަރަކާތްތެރިވުމުގެ އިތުރުން އެ ޖަމިއްޔާއިން ބޭއްވި ހަރަކާތެއްގައި އޭނާ ބައިވެރިވެފައިވާތީ ކަމަށް ބުނެފައިވެ އެވެ.

އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށް ބެލުމުގެ ފުރުސަތު އޮއްވައި އެ ހަރަކާތްތައް ޕްރޮމޯޓް ކުރަން އަލީ އާދަމް ފޭސްބުކްގައި އެކަން ހިއްސާ ކޮށްފައިވާ ކަމަށާއި އަދި އެކަންކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

އޭގެ އިތުރުން ތަފްރީގު ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށް ދިނުމުގައި ބަލަންޖެހޭ މިންވަރަށް ނުބަލައި، ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަންވެސް އަލީ އާދަމްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

ޖޭއެސްސީން ބުނީ އަލީ އާދަމްގެ އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލުތަކަކަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފުތާއަށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އޭނާގެ ސަސްޕެންޝަން ހަމަވަންދެން ހދ. ޖުޑީޝަލް ދާއިރާ ހިންގުން ހަވާލުކޮށްފައިވަނީ ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް