ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ނިމެންދެން، އޭނާއަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް ދައުލަތުން ވާހަކަ ދައްކާ ކަމަށް ބުނެ އެކަން މަނާކޮށްދިނުމުގެ އަމުރު ނެރެދިނުމަށް އޭނާ އެދުނު މައްސަލަ ކާމިޔާބު ކޮށްފި އެވެ.
އައްމަޓީގެ މައްޗަށް ދައުލަތުން42 ދައުވައެއް އުފުލީ ފްލެޓު އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި އޮޅުވާލި މައްސަލައިގަ އެވެ. މިހާރު ގޭ ބަންދުގައި ހުރި އައްމަޓީ މިދިޔަ މަހު ޝަރުތުތަކަކާއި އެކު ދޫކޮށްލި މައްސަލަ މުއްދަތު ހަމަވިފަހުން ދައުލަތުން އިސްތިއުނާފު ކުރުމުން ވަނީ ބޭރުކޮށްލާފަ އެވެ.
އެ މައްސަލް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އަޑު އެހުމުގައި މިއަދު އައްމަޓީގެ ފަރާތުން ބުނެފައިވަނީ އެ މައްސަލާގައި ކޯޓާއި ފަނޑިޔާރުންގެ ހައިބަތަށް އުނިކަން ލިބޭ ގޮތަށް ސޯޝަލް މީޑިއާ އާއި ޓްވީޓާ އާއި އަމިއްލަ ބްލޮގްތަކުގައި ލިޔަމުންދާ ކަމަށެވެ.
އައްމަޓީގެ ވަކީލު ވަނީ އެފަދަ ވާހަކަތައް ދައްކައި ލިޔުންތައް ލިޔާ ބޭފުޅެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފާހަގަ ކުރައްވައި، ޝަމީމް މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކުން ދޭހަވާ މާނަތަކުގެ ތަފްސީލް ދެއްވާފަ އެވެ.
މި މައްސަލައިގަ ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ކުށް ސާބިތުވުމުގެ ކުރިން ކޮންމެ މީހަކީ ކުށެއް ނެތް މީހަކަށް ބެލުމުގެ ހައްގު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ. އެހެންވެ، ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލުވެފައިވާ ފަރާތްތަކުން އައްމަޓީގެ މައްސަލަ ކޯޓުން ނިމެންދެން އެކަމާ ގުޅިގެން ޚިޔާލު ފާޅު ނުކުރަން އެ އަމުރުގައި އަންގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް