ގދ. ވިލިނގިލި ހޮސްޕިޓަލުން ބަލި މީހަކަށް އިހުމާލުވި ކަމަށް ބުނެ އެކަމާ ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅީ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
މި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރުންނެވެ. ނުފެންނަކަމަށް 39 މެމްބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން އެ މައްސަލައަށް ބަހުސްކުރާކަށް ފާހެއް ނުވިއެވެ.
މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔައީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި ނަމަވެސް ފަރުވާ ދިނުން އެތައް ތަނެސް ލަސްވި ކަމަށެވެ.
ސައީދު ވިދާޅުވީ ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ބޮޑަށް މޭގައި ރިއްސާތީ ކަމަށާއި އެކަމަކު އެއީ ގެސްޓްރިކް މައްސަލައެއް ކަމަށް އެންމެ ފުރަތަމަ ޑޮކްޓަރު ވިދާޅުވި ކަމަށެވެ.
ނަމަވެސް ތަދު އިތުރުވަމުންދާތީ އާއިލާއިން އެދިގެން އެހެން ޑޮކްޓަރަކު ގެނެސްގެން އީސީޖީ ހެދިކަމަށާއި އަދި އޭގެން މައްސަލަަތަކެއް ފާހަގަވި ކަމަށް ބުނެފައިވެއެވެ. އަދި ބަލިމީހާގެ ހާލު އިތުރަށް ގޯސްވަމުންދާތީ އޭނާ މާލެ ފޮނުވާ ދިނުމަށް އާއިލާއިން އެދެމުންދާތީ ޑޮކްޓަރުގެ ލިޔުން ލިބުނީ ނުވަ ގަޑިއިރު ފަހުން ކަމަށް މައްސަލައިގައިވެއެވެ.
ސާއިދު ވިދާޅުވީ އާސަންދަ ހަމަޖެހޭ ގޮތްވީ އޭޕްރީލް 13 ވަނަ ދުވަހުގެ 07:45 ގައި ކަމަށާއި ނަމަވެސް ބަލިމީހާ ގެންދިޔަ ފްލައިޓަކީ ޓްރާންސިޓް ފްލައިޓަކަށް ވުމުން ކޫއްޑޫން ފުރައިގެން ދިޔައީ އައްޑޫ ސިޓީ ގަމަށް ކަމަށެވެ. އަދި ގަމުގައި 45 މިނެޓް މަޑުކުރުމުން ބަލި މީހާ ހޮސްޕިޓަލަށް ގެންދެވުނީ އެ ރޭގެ ބަލި މީހާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަތާ 34 ގަޑިއިރު ފަހުންކަމަށް ސައީދު ވިދާޅުވިއެވެ.
ބަލިމީހާ އައިޖީއެމްއެޗްއަށް ގެނައި ފަހުން އެނގުނީ އޭނާއަށް ޖެހުނީ ހާޓް އެޓޭކެއް ކަމާއި، ފަރުވާ ލަސްވުމުގެ ސަބަބުން އޭނާ ވަނީ ހިތުގެ ބޮޑު އޮޕަރޭޝަނެއް ވެސް ކޮށްފައިކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ބަލި މީހުންނަށް އާސަންދަ ހަމަޖައްސައި ދިނުމުގެ ރަށު ކައުންސިލާއި ދާއިރާގެ މެމްބަރުންގެ ހުއްދަ ހޯދަން ޖެހުމަކީ ގާނޫނުއަސާސީއިން ލިބިދޭ ހަމަ ހަމަ ކަމުގެ ހައްގު ގެއްލޭ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް