އުރީދޫ މޯލްޑިވްސްގެ ހިއްސާއެއް 30 ރުފިޔާއަށް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެ ކަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
އުރީދޫއިން މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ކުންފުނިން ބުނީ ކުރިޔަށް އޮތްތަނުގައި ހިއްސާ ދާރުންނަށް ފައިދާ ހޯދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެ ކުންފިނިން މިރޭ ހުޅުވާލީ އުރީދޫގެ 22 މިލިއަން ހިއްސާ ވިއްކާށެވެ.
މޭ 28 އާ ހަމައަށް ވިއްކާ އުރީދޫގެ ހިއްސާގެ ތެރެއިން ކޮންމެ މީހަކު މަދުވެގެން ގަނެވޭނީ 50 ހިއްސާ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ ގްރޫޕުގެ ޑެޕިއުޓީ ސީއީއޯ ވަލީދު މުހައްމަދު އަލް ސައްޔިދު ވިދާޅުވީ ކޮންމެ އަހަރަކުވެސް ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހާނެ އަދަދު އިތުރު ކުރަމުންދާނެ ކަމަށެވެ. އަދި ހިއްސާދާރުންނަށް ލިބޭނެ ފައިދާ އަކީ ހިއްސާ ގަތް އަގަށްވުރެ މަތިން ފައިދާ ލިބުން ކަމަށެވެ.
"މިއީ ދިވެހިންނަށް ފައިދާ ހޯދައިދޭނެ ކުންފުންޏެއް. އެ ޔަގީންކަން އަޅުގަނޑު ތިހުރިހާ ބޭފުޅުންނަށާއި ދިވެހިންނަށް ދެން،" ވަލީދު ވިދާޅުވި އެވެ.
މީގެ އިތުރުން ވަލީދު ވިދާޅުވީ އުރީދޫ ގްރޫޕުގެ އޮޕަރޭޝަންސްތަކުގެ ތެރެއިން ރާއްޖޭގައި ހިންގާ އުރީދޫ މޯލްޑިވްސް އަކީ އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުންފުނި ކަމަށެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ މިދިޔަ ތިން އަހަރުގެ ފައިދާ 30 ޕަސެންޓު މައްޗަށް ޖެހިފައިވާ ކަމަށެވެ. އަދި ލަފާކުރަނީ ކުރިޔަށް އޮތް ތިން އަހަރުތެރޭގައި ކުންފުނީގެ ފައިދާ 50 ޕަސެންޓަށް ވުރެ އިތުރުވާނެ ކަމަށެވެ. މީގެ އިތުރުން މިދިޔަ ތިން އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ 14 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
އެ ކުންފުނީގައި 390،000 އަށް ވުރެ ގިނަ ކަސްޓަމަރުން ރާއްޖޭގައި ތިބިއިރު، 90 ޕަސެންޓް ދިވެހިން އެ ކުންފުނީގެ ހިދުމަތް މިހާރު ބޭނުންކުރާ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް ހިއްސާ ވިއްކަން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް