ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓު ތައްޔާރުކޮށްފައިވާނީ ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީ އާއި އެމްޑިޕީން ވަނީ ވޯޓާސް ލިސްޓު ތައްޔާރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިދްލައިނާ ހިލާފަށް ކަމަށް ބުނެފައި އެވެ. އަދި އެ ދެ ޕާޓީން ބުނެފައިވަނީ ލިސްޓުގައި ސޮއި ކުރާނީ ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރުމުން ކަމަށެވެ.
އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު މީޑިއާގައި ވިދާޅުވީ އީސީން ތައްޔާޜުކޮސްފައިވާ ލިސްޓުގައި ހުންނާނީ ނަމާއި، އައިޑިކާޑު ނަމްބަރު އަދި ވޯޓުލާ މީހުންވެސް ފޮޓޯވެސް ޖަހާފައި ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓުތައް ނޫސްވެރިންނަށް މިއަދު ދައްކާލައިފަ އެވެ. އެ ލިސްޓުތަކުގައި، ވޯޓުލާ މީހާގެ ނަމާއި އައިޑީކާޑު ނަމްބަރާއި ދާއިމީ އެޑްރެސް އަދި ފޮޓޯ ހިމަނާފައިވެ އެވެ.
"ވޯޓާސް ލިސްޓު އާންމުކޮށްފައިވާނީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް. ވަރަށް ޔަގީން ކަމާއި އެކު މިބުނަނީ މި ލިސްޓުގައި މައްސަލައެއް ނޫޅޭނެ. މައްސަލައެއް ހުރި ނަމަ ވާނީ ރަނގަޅުކޮށްފައި،" އަކްރަމް ވިދާޅުވި އެވެ.
އެމްޑިޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ މި ފަހަރު ވޯޓާސް ލިސްޓު އާއްމުކޮށްފައި ވަނީ ވޯޓުލާ އެއްވެސް މީހެއްގެ އައިޑީ ކާޑު ނޭނގޭ ގޮތަށެވެ. އެހެންކަމުން، ޕާޓީތަކުން ސޮއިކުރަން އެދިފައިވާ އެ ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އެމްޑީޕީ އަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ދުވަހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ޕާޓީން ސޮއި ކުރަން ދިއުމުން ތަފާތު ތިން ލިސްޓެއް ދިން ކަމަށެވެ. އަދި އެއީ އެއް ލިސްޓުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ތިން ލިސްޓުގައި ހުރި މައުލޫމާތުތައް ތަފާތު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް