އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއި ކުރަން ޖުމްހޫރީ ޕާޓިންވެސް ދެކޮޅު ހަދައިފި އެވެ.
ލިސްޓުގައި ބައެއް މައުލޫމަތުތައް ހުރީ ނުބައިކޮށް ކަމަށް ބުނެ އެކަންކަން ރަނގަޅު ކުރުމުން ނޫނީ ލިސްޓުގައި ސޮއި ނުކުރާނެ ކަމަށްއެމްޑިޕީންވެސް އިއްޔެ ވަނީ ބުނެފައި އެވެ. އެމްޑީޕީން ބުނީ ބައެއް މީހުން ވޯޓުލާން ރެޖިސްޓްރީވިތަން ނޫން އެހެންތަންނަތަށް ވޯޓުލާން ހުރި ކަމަށެވެ.
ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ދުވަހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ޕާޓީން ސޮއި ކުރަން ދިއުމުން ތަފާތު ތިން ލިސްޓެއް ދިން ކަމަށެވެ. އަދި އެއީ އެއް ލިސްޓުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ތިން ލިސްޓުގައި ހުރި މައުލޫމާތުތައް ތަފާތު ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ ލިސްޓު އިސްލާހު ކުރުމުން އެ ލިސްޓުގައި ސޮއި ކުރަން ޖޭޕީން އޮތީ ތައްޔާރަށް ކަމަށާއި މިއީ އިންތިހާބު ލަސް ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫންކަމަށެވެ. އަދި މިގޮތަށް އަމަލު ކުރަން ނިންމީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ގަވައިދާ ހިލާފަށް ތަފާތު ތިން ލިސްޓެއް ސޮއި ކުރަން ދިނުމުން ކަމަށެވެ.
"އެއް ލިސްޓުގައި ވޯޓުލާ މީހުންގެ ނަމާއި އައިޑީ ނަންބަރާއި ފޮޓޯ ވެސް ހުރި. އަނެއް ލިސްޓުގައި ނަމާއި އައިޑީ ކާޑު ނަމްބަރު، ދެން ހަވާލުކުރި ލިސްޓުގައި ހަމައެކަނި ނަން ހިމަނައި މުހިއްމު ހުރިހާ މައުލޫމާތެއް ވަނީ އުނިކޮށްފައި. ވޯޓާސް ލިސްޓުގެ ގޮތުގައި އޮންނަން ޖެހޭނީ ހުރިހާ މައުލޫމާތެއް ހިމެނޭ އެއް ލިސްޓެއް،" އަލީ ސޯލިހު ވިދާޅުވި އެވެ.
އެމްޑިޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ މި ފަހަރު ވޯޓާސް ލިސްޓު އާއްމުކޮށްފައި ވަނީ ވޯޓުލާ އެއްވެސް މީހެއްގެ އައިޑީ ކާޑު ނޭނގޭ ގޮތަށެވެ. އެހެންކަމުން، ޕާޓީތަކުން ސޮއިކުރަން އެދިފައިވާ އެ ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އެމްޑީޕީ އަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގައި ސޮއި ކުރުން ކުރިޔަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ މިރޭ 10 ޖަހަންދެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް