ހައްޖަށް މީހުން ގެންދިއުމުގެ އުސޫލު އާންމުކޮށްފި

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ އުސޫލު އިސްލާމިކް މިނިސްޓްރީން ގެޒެޓުކޮށްފި އެވެ. އެ އުސޫލަކީ ގައުމުތަކުން ހައްޖަށް މީހުން ދިއުމާއި ގުޅޭގޮތުން ސައުދީއަރަބިއްޔާގެ ސަރުކާރުން އެކުލަވާލާ...

18 Apr 2017 | 06:29

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ އުސޫލު އިސްލާމިކް މިނިސްޓްރީން ގެޒެޓުކޮށްފި އެވެ.

އެ އުސޫލަކީ ގައުމުތަކުން ހައްޖަށް މީހުން ދިއުމާއި ގުޅޭގޮތުން ސައުދީއަރަބިއްޔާގެ ސަރުކާރުން އެކުލަވާލާފައިވާ ގަވައިދުތަކާއި އެއްގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ މިފަދަ އުސޫލެއް އެކުލަވާލުމުގެ ބޭނުމަކީ ހައްޖަށް ދާ މީހުންނަށް ފެންވަރު ރަނގަޅު ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުން ކަމަށެވެ. އަދި ހައްޖަށް ދާ މީހުންނާއި ހަޖަށް މީހުން ގެންދާ ޖަމާއަތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަކީވެސް މިފަދަ އުސޫލެއް އެކުލަވާލުމުގެ ބޭނުން ކަމަށެވެ.

މި އުސޫލުގައި ވާ ގޮތުގައި ހައްޖަށް މީހުން ގެންދަން ކުރިމަތިލެވޭނީ

ރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދެވޭނީ އެކަމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން

ހުއްދައަށް އެދޭއިރު އަގާއި ދޭނެ ހިދުމަތްތައް ބަޔާން ކުރަންޖެހޭ

ހުއްދަދެވޭނީ ހުއްދައަށް އެދޭ ކުންފުންޏަކުން ހުށަހަޅާ އަގުގެ ތިން ޕަސެންޓު ބޭންކް ގެރެންޓީ ދޭ ފަރާތްތަކަށް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އެ އުސޫލުގަިއ ބުނެފައިވަނީ ކުންފުނިތަކުން ފައިސާ ބަލައިގަތުމުގައި އަލަށް ހައްޖަށްދާ މީހުންނަށް އިސްކަން ދޭންވާނެ ކަމަށެވެ. އަދި ހައްޖަށްދާ މީހުންގެ އަތުން ފައިސާ ނެގޭނީ ހައްޖަށް މީހުން ގެންދަން އެދި އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ލިބުމުން ކަމަށެވެ.

މި އުސޫލުގައި މިހެން ބުނެފައި ވީނަމަވެސް ބައެއް ޖަމާއަތްތަކުން ގެންދަނީ މިއަހަރާއި އަންނަ އަހަރު ހައްޖަށް މީހުން ގެންދަން ފައިސާ ނަގަމުންނެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އެފަދަ ޝަކުވާއެއް އައިސްފި ނަމަ ބަލާނެ ކަމަށެވެ.

އަދި އެ ކުންފުނިތަކުން ހައްޖަށް ދާން ފައިސާ ނަގަނީ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާ އަގަށްވުރެ ބޮޑުކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް