ރައްޔިތުންގެ މަޖިލީހަށް ވެއްދުން މަނާތަކެތީގެ ގޮތުގައި ތާޅަފިއްޔާއި ދުންމާރި ފަދަ ތަކެތި ކަނޑައެޅުމަށް ހުށަހެޅި އިސްލާހުތައް އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި އެ އިސްލާހުތައް ފާސްކުރީ ވޯޓްގައި ބައިވެރިވި ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާޙު ހުށަހެޅުއްވީ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކެވެ.
ރައްޔިތުންގެ މަޖިލީހަށް ވެއްދުން މަނާތަކެތީގެ އިތުރުން ރިޔާސަތުގެ ހުއްދައެއް ނެތި ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގަންނަވާ މެމްބަރުންނަށް ކޮމިޓީ އެލެވަންސް އުނިކުރަން ވެސް އާންމު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ތަކުރާރުކޮށް އެފަދަ އަމަލުތައް ހިންގާ މެމްބަރުންގެ ކޮމިޓީ ހާޒިރީން 50 އިންސައްތަ އުނިކޮށް ރާއްޖެއިން ބޭރަށް ކުރާ މަޖިލީހުގެ ރަސްމީ ދަތުރުތައް ހަ މަސް ދުވަހަށް ނުދިނުމަށް ފާސްކޮށްފައިވެ އެވެ.
އާންމު ކޮމިޓީން މިއިސްލާހުތައް ފާސްކުރި ނަމަވެސް އިސްލާހުތަކަށް އަމަލުކުރެވޭނީ މަޖިލީހުގެ ތަޅުމުން އެ އިސްލާހުތައް ފާސްވުމުންނެވެ.
މަޖިލީހަށް ވެއްދުން މަނާތަކެތީގެ ގޮތުގައި ތާޅަފިއްޔާއި ދުންމާރި ފަދަ ތަކެތި ހަމަޖައްސަން މަސައްކަތް ކުރަމުންދާއިރު މަޖިލިސް މިއަހަރަށް ހުޅުވި ދުވަހުން ފެށިގެން އެންމެ ދުވަހެއް ފިޔަވާ މަޖިލީހުގެ ހުރިހާ ޖަލްސާއެއްގައިވެސް އެމްޑީޕީގެ މެންބަރުން ވަނީ ތާޅަފިއްޔާއި ދުންމާރި ބޭނުންކޮށްގެން މަޖިލީހުގައި އަޑުއުފުއްލަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް