ޣައްޒާގެ މުސްލިމުން ނިދާފައި ތިއްބާ އިސްރާއީލުން ހަމަލަތައް އަލުން ދޭން ފެށުން – ޝަހީދުވި އަދަދު 400 އިން، ޒަޚަމްވި އަދަދު 500 އިން މައްޗަށް

ޣައްޒާ ގަޑިން ނަމަ ރޭ ދަންވަރު 02:30 ހާއިރު (ރާއްޖޭ ގަޑިން ނަމަ ފަތިހު 05:30) ހާއިރު ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވިއެވެ. އޭރު މިވަނީ ކީއްކަން އަދި ނޭނގުނަސް އޭގެ 30 ވަރަކަ...

18 Mar 2025 | 15:58

ޣައްޒާ ގަޑިން ނަމަ ރޭ ދަންވަރު 02:30 ހާއިރު (ރާއްޖޭ ގަޑިން ނަމަ ފަތިހު 05:30) ހާއިރު ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވިއެވެ. އޭރު މިވަނީ ކީއްކަން އަދި ނޭނގުނަސް އޭގެ 30 ވަރަކަށް މިނެޓުފަހުން އިސްރާއީލުން ބުނެފައިވަނީ ހަނގުރާމަ އަލުން ފަށައިފިން ކަމަށެވެ. ހަނގުރާމަ އަލުން ފެށި ސަބަބަކީ އިސްރާއީލުން ހުށަހެޅި އެއްބަސްވުމަށް ހަމާސް އިން އާނބަސް ނުބުނުން ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުގެ އައު ޑިފެންސް މިނިސްޓަރު އިސްރާއީލް ކެޓްސް ބުނެފައިވަނީ ހަމާސްގެ ބެލުގެ ދަށުގައިތިބި، އިސްރާއީލަށް ނިސްބަތްވާ އަސީރުން މިނިވަން ނުކުރާހާ ހިނދަކު ހަމަލަތައް ވަރުގަދަޔަށް ދެމުން ގެންދާނެ ކަމަށެވެ. އަދި އެ އަސީރުން މިނިވަން ނުކުރާނަމަ ޣައްޒާގައި ނަރަކައިގެ ދޮރު ހުޅުވާނެ ކަމަށެވެ.

ކުއްލިއަކަށް ދޭން ފެށި މި ހަމަލަތަކަށް އަދި 24 ގަޑިއިރު ހަމަވެފައިނުވާއިރު މި ހަމަލަތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު މިވަނީ 400 އިން މައްޗަށްގޮސްފައެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 500 އިން މަތީގައެވެ.

ހަމައެއާއެކު އިސްރާއީލުން މިވަނީ ޣައްޒާގެ ބައެއް ސަރަހައްދުތައް ހުސްކުރަންވެސް ކުރިއެކޭ އެއްފަދައިން އަންގާފައެވެ. އަދި ހުއްޓުމެއްނެތި އެއެއް މިއެއް ބެލުމެއްނެތި ކުރިއެކޭ އެއްފަދައިން އެކި ދިމަދިމާއަށް ހަމަލަތައް އަންނަނީ އަމާޒުކުރަމުންނެވެ.

މި ހަމަލަތައް ދޭން ފަށާފައިވާއިރު އެމެރިކާގެ ވައިޓްހައުސް އިން ބުނެފައިވަނީ ހަމަލަތައް ދޭން ފެށުމުގެ ކުރިން އިސްރާއީލުން އެމެރިކާއާއި މަޝްވަރާ ކުރި ކަމަށެވެ.

ރޯދަ މަހުގެ ފަހު 10 އަކާއި ދިމާކޮށް ހަމަލަތައް އިސްރާއީލުން ވަރުގަދައަށް ދޭން ފަށާފައިވާއިރު މީގެ 20 ވަރަކަށް ދުވަސްކުރިން އިސްރާއީލުން ވަނީ ޣައްޒާއަށް އެހީގެ ތަކެތި ވެއްދުންވެސް ހުއްޓުވާފައެވެ. އެހެންކަމުން ހަމަލަދޭން އެ ފެށީވެސް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށްފަހުގައެވެ.

ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި ހަމަލަތައް، ޣައްޒާގެ މީހުން ގިނަ ސަރަހައްދުތަކާއި، ވަގުތީ ހިޔާގޮތުގައި ބޭނުންކުރާ ސްކޫލު ފަދަ ތަންތަނާއި ޓެންޓު ތަކަށް އަންނަނީ އަމާޒު ކުރަމުންނެވެ.

ހަމަލަތައް އަނެއްކާވެސް އިސްރާއީލުން ފަށާފައިވާއިރު އަރަބި ގައުމުތަކުން އެ ހަމަލަތައް ކުށްވެރިކޮށްފައިވެއެވެ. އެ ގައުމުތަކުގެ ތެރޭގައި މިސްރު، ޤަތަރު، އުރުދުން އަދި ސައޫދީ އަރަބިއްޔާ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް