ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެއްގައި ދިޔަ މީހަކު ހުއްޓުވުމުން، އެ ސައިކަލަށް އެރުނީ އޮޅިގެން ކަމަށް ބުނެފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ޗާންދަނީގެ، އުމުރުން 25 އަހަރުގެ މުހައްމަދު ފާރިހް އެވެ.
ފާރިހްގެ ބަންދު އަމުރުގައި ބުނެފައިވާގޮތުގައި ސައިކަލުގެ މަޑި ހުޅުވަން އެދުމުން ފާރިހަށް އެ މަޑި ނުހުޅުވުނު ކަމަށާއި އެހެންކަމުން ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބަލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ.
"މީނާ ބުނެފައިވަނީ އެ ސައިކަލަށް އެރުނީ އޮޅިގެން ކަމަށާއި އަރަން އުޅުނީ އެ ސައިކަލާ ޖެހިގެން އިން މީނާގެ ކޮއްކޮގެ ސައިކަލަށް ކަމަށް، ކޮއްކޮ އެ ސައިކަލު ގެންގުޅޭތާ އަހަރުތަކެއް ވެދާނެ ކަމަށާއި ނަމަވެސް މީނާއަށް އެ ސައިކަލު ވަކި ކުރަން ނޭނގުނީ ކަމަށް" ބަންދު އަމުރުގައި ބުނެފައިވެއެވެ.
އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކުރި ފާރިހަކީ މި ބާވަތުގެ ހައްޔަރު / ބަންދު ލޮގު ގިނަ ފަރާތެއްކަމުގައި ބަންދު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ސައިކަލު ވަގަށް ނެގުމަށް އެހީތެރިވިމީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ނަމަވެސް އެހީވިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ މިހާރު ދޫކޮށްލާފައި ކަމަށެވެ. އެހެންނަމަވެސް ފާރިހްގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް