ހިޔާ ފްލެޓްތަކުގެ އިތުރު ލިފްޓްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށިގެންދާނެ: ރައީސް މުއިއްޒު

ހިޔާ ފްލެޓްތަކުގެ އިތުރު ލިފްޓްތައް ހަރުކުރުމުގެ އަމަލީ މަސައްކަތްތައް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއް...

18 Mar 2024 | 10:54

ހިޔާ ފްލެޓްތަކުގެ އިތުރު ލިފްޓްތައް ހަރުކުރުމުގެ އަމަލީ މަސައްކަތްތައް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހިޔާ ފްލެޓެއްގައި ދިރިއުޅެމުން އަންނަ ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ހަލީމާ ޝާހިޔާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް އޮފީހުން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ސެގްމަންޓްގައި ހަލީމާގެ ސުވާލުގައި އަހާފައިވަނީ މި ރޯދަމަހުވެސް ލިފްޓްތަކުގެ ދަތިކަން ވަރަށް ބޮޑަށް އިހްސާސް ކުރެވެމުން އަންނައިރު ވައުދުވެލެއްވި ފަދައިން އިތުރު ލިފްޓްތައް ހަރުކުރެވޭނީ ކޮން އިރަކުތޯ؟ ކުރެވުނު ސުވާލެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ކުންފުންޏަކާއެކު އެގްރީމަންޓްގައި ސޮއިކުރެވިފައިވާއިރު މިހާރު ކުރިއަށްދަނީ ޑީޓެއިލް ޑިޒައިނިން މަސައްކަތް ކަމަށެވެ. އޭޕްރީލް މަހުގެ ތެރޭގައި އަމަލީ މަސައްކަތަށް މޮބިލައިޒްކުރާނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

"އޭޕްރީލް މަހުގެ ތެރޭގަ އެ ފަރާތުން އަމަލީ މަސައްކަތަށް މޮބިލައިޒް ކުރާނެ ކަމަށް މައުލޫމާތު ލިބިފަ އޮތީ އަދިވެސް އިތުރަށް ބާރު އަޅާނަން ވީހާވެސް އަވަހަށް އަމަލީ މަސައްކަތަށް ދާން" ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވިގޮތުގައި ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރެވިގެންދާއިރު އެތަނުން އެއް ލިފްޓަކީ ސްޓްރެޗަރ އެރުވޭވަރުގެ ބޮޑު ލިފްޓަކަށް ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް